ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ތިރުވަނަންތަޕޫރަމަށް ވަޑައިގެންފި


އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސްއިން ދިނުމަށް ހަމަޖެހިފައިވާ "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯޑާއި ހަވާލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާގެ ތިރުވަނަންތަޕޫރަމަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންފައިވަނީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ، ތިރުވަނަންތަޕޫރަމް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މުޙަންމަދާއި، ތިރުވަނަންތަޕޫރަމްގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސަލް ޢަލީ އާދަމެވެ.

"ޑޮކްޓަރ ކަލާމް ޕްރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް "2016 އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އިންޑިއާގެ ތިރުވަނަންތަޕޫރަމްގައެވެ. ޑޮކްޓަރ ކަލާމް ޕުރަސްކާރް އެވޯޑަކީީ، ޤައުމުތަކުގެ އިސްވެރިންގެ ތެރެއިން އެޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު އެރުވުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޑޮކްޓަރ ކަލާމް ޕުރަސްކާރް އެވޯޑް ލިބިވަޑައިގަންނަވާ ފަރާތްތައް ކަނޑައަޅުއްވަނީ، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ ކޮމިޓީއަކުންނެވެ. މީގެތެރޭގައި އިޖްތިމާޢީ ދާއިރާއިން ޚިދުމަތްކުރައްވާ ފަރާތްތަކާއި، އިންޑިޔަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނުގެ ކުރީގެ ޗެއާމަނާއި، އިންޑިޔާ ސަރުކާރުގެ ސަފީރުންނާއި، ކައުންސެލް ޖެނެރަލުން ހިމެނިވަޑައިގަންނަވައެވެ.