ޚަބަރު

ރަސްމާލެ ތަރައްޤީކުރުމުގެ މަސައްކަތް ނުހުއްޓި ކުރިއަށްދޭ: ވަޒީރު މުއްޠަލިބު


  • ބިން ހިއްކުން މަޑުޖެހުނީ ޑްރެޖަރާއި ވެލި ލިބުމުގައި ދަތިތަކެއް ހުރުމުން

  • ވެލި ހޯދުމަށް ދިރާސާއެއް ދަނީ ކުރަމުން

  • ޑްރެޖަރ އެއް ލިބި ވަރަށް އަވަހަށް މަސައްކަތް ފެށޭނެކަމަށް ވިދާޅުވި

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އޮތީ ހުއްޓިފައި ނޫން ކަމަށާއި، މަޝްރޫޢާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްދާ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މުއްޠަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ބަޖެޓުން އުނިކޮށްފައިވާ މަޝްރޫޢަކަށްވާތީ، އެއީ ސަރުކާރުން އެވުޒާރާގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް ނޫންކަމަށެވެ. މިމަޝްރޫޢަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ކޮންޓްރެކްޓަރަކާ ދެމެދު ސޮއިކޮށްގެން ކުރިއަށްގެންދާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ މިވަގުތު ސީދާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ މަސައްކަތްތައް އޮތީ ހުއްޓިފައި ނޫން ކަމަށެވެ. އެގޮތުން މިމސައްކަތުގެ ތެރެއިން ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރވަނީ ބޮސްކާލިސްއާއެކު އެއްބަސްވުމެއް ގާއިމްކޮށްފައިކަމަށް މުއްޠަލިބު ވިދާޅުވިއެވެ.

"ބޮސްކާލިސް އިން މިވަގުތު ގުޅީފަޅު ހިއްކަން ބޭނުންކުރާ ޑްރެޖަރ، އެ ޑްރެޖަރ ރަސްމާލެ ހިއްކުމަށްވެސް ބޭނުންކުރަން އެ ބޭފުޅުން ވިސްނަނީ،" މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ ރަސްމާލެ ބިން ހިއްކުމަށް ބޭނުންވާ ވެލި ލިބުމުގައި ދަތިތަކެއް އެކުންފުންޏަށް ހުރި ކަމަށެވެ. އަދި އެކަމާއި ގުޅޭ ދިރާސާތައްވެސް އެކުންފުނިން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މަސައްކަތް ފެށީ އެސަރަހައްދުން ވެލި ނެގުމާއި ގުޅޭ ބޮޑު ދިރާސާއެއް ކޮށްފައެއް ނުވޭ، އޭރު ވެލި ނެގި ތަނުގައި ވެލި ނެތުމުން އެކްސްޓެންސިވް ސޭންޑު ސާރޗެއް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައި، ކޮންޓްރެކްޓަރ ވީހާވެސް ޚަރަދުކުޑަކޮށް، އަމިއްލައަށް ލާރި ރިއަލައިސްކޮށްގެން އެކަން އެކުރަނީ، އެހެންވީމަ ކަމަށް ބެލެވެނީ، މިކޮޅުގައި އޮތް ޑްރެޖަރއެއްވެސް ބޭނުންކުރަނީ،" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަރަށް އަވަހަށް ރަސްމާލެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅެވެ.

ރަސްމާލެ މަޝްރޫއު ފެށުމަށް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫއެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަސްމާލޭގައި ފެނާއި ނަރުދަމާއާ ކަރަންޓްގެ ޚިދުމަތް ޤާއިމްކުރުމުގެ ކަންކަން ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ރަސްމާލޭގައި 65،000 ގެދޮރު ޔަގީންވާގޮތަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު 30،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްވެސް ޗައިނާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.