ކުޅިވަރު

އޯޕަން ޓޭޕްބޯލް: ސިފައިންގެ ކުލަބާއި މީޓިއޯސްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި މީޓިއޯސް މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުން ސިފައިންގެ ކުލަބު މޮޅުވީ ހަފްލާންއާ ބައްދަލުކޮށް ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ހަފްލާން އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 133 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 34 ލަނޑު ހެދި އަޙްމަދު ޝަރީފާއި، 17 ބޯޅައިން 21 ލަނޑު އެއްކުރި އަޙްމަދު އާމިރެވެ.

ޖަވާބުގައި ސިފައިންގެ ކުލަބު ކުޅެން އަރައި ފަހު އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 32 ލަނޑު ހެދި އަޙްމަދު ތޮލާލާއި، ނުބައިނުވެ އަށް ބޯޅައިން 30 ލަނޑު ހެދި މުޙައްމަދު ޝަރީފުގެ އިތުރުން 19 ބޯޅައިން 29 ލަނޑު އެއްކުރި އިސްމާޢީލް ނާޝިދެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން މީޓިއޯސް މޮޅުވީ ފިނޮޅާ ބައްދަލުކޮށް ނުވަ ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މީޓިއޯސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 121 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 31 ލަނޑު ހެދި މުޙައްމަދު ރިޝްވާނާއި، 14 ބޯޅައިން 29 ލަނޑު ހެދި އިބްރާހީމް އަލީގެ އިތުރުން 11 ބޯޅައިން 25 ލަނޑު އެއްކުރި ރަޔާން ތޮލާލެވެ.

ޖަވާބުގައި ފިނޮޅު ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 112 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 33 ލަނޑު ހެދި އިސްހާގު އަޙްމަދާއި، ނުބައިނުވެ 11 ބޯޅައިން 32 ލަނޑު އެއްކުރި ހުސެއިން ރިމާޒެވެ.

ދިވެހީންނަށް ހުޅުވާލައިގެން ކުރިއަށްދާ އޯޕަން މުބާރާތުގައި މި ފަހަރުވެސް 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ.