ޚަބަރު

ރަފަޙަށް ބޮންއަޅައި 14 މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި, އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ބޮން އަޅައި 14 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 1.5 މިލިޔަން މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ރަފަޙުގައެވެ. އެ މީހުން ދިރިއުޅެމުން ދަނީ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޔަހޫދީ ފައުޖުން ރަފަޙަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ތިން އަންހެނުންނާއި މައުސޫމު ތިން ކުޑަކުދިން ހިމެނޭ ކަމުގައެވެ. މި ޙަމަލާގައި އަށް ފިރިހެނުން ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

ޔަހޫދީ ފައުޖުން ރަފަޙަށް ވައިގެ ޙަމަލާތަކެއް ދީފައި މި ވަނީ, އެ ރަށަށް އެއްގަމު މަގުން އަރައި, ޢުދުވާން ފުޅާ ކުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ, ރަފަޙަށް އަރައި ފަލަސްޠީނުގެ އެތަކެއް ހާސް މުސްލިމުންނެއް ޝަހީދު ކޮށްލުމުގެ ހުއްދަ ޔަހޫދީ ފައުޖަށް ދީފައެވެ. ނަމަވެސް, އެމެރިކާއިން ދަނީ މި ކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި, މި ނިންމުން މުރާޖަޢާ ކުރުމަށް އެމެރިކާއިން ވަނީ ޖައްބާރު ނަތަންޔާހޫއަށް ގޮވައިލާފައެވެ.

ރަފަޙަށް ޔަހޫދީ ފައުޖުން އެއްގަމު މަގުން ސިފައިންނާއި ބަރުހަތިޔާރު ފޮނުވުން ހުއްޓުވަން އިސްރާއީލާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައި އެމެރިކާއިން ބުނެއެވެ. "އެމެރިކާއިން ގަބޫލުކުރާ ގޮތުގައި, އެ ތަނުގައި [ރަފަޙުގައި] އެއްގަމު މަގުން އޮޕަރޭޝަނެއް ހިންގުމަކީ ހެދޭ ގޯހަކަން ވާނެ ކަމުގައި. ރަފަޙުގައި ޔަހޫދީން ބޭނުންވާ ލަނޑުދަނޑިތައް, އެ ރަށް އެއްގަމު މަގުން ނާރާ ވެސް ކާމިޔާބު ކުރެވޭނެ،" އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ވަނީ, ރަފަޙުގައި މި ވަގުތު ތިބި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންދާތީ, އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް, އެ އަމަލުތައް ކުށްވެރި ކޮށްފައެވެ. ޣައްޒާގެ މުސްލިމުންގެ ގެދޮރާއި ހަސްފަތާލުތަކަށް މެދުކެނޑުމެއް ނެތި ޙަމަލާ ދިނުމުގެ އިތުރުން ޔަހޫދީ ފައުޖުން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ވެސް ހުރަސް އަޅާފައެވެ.

މި ކަމާ ގުޅޭ ގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ, ޣައްޒާގެ މުސްލިމުންނަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ މަގުތައް ބަންދުކޮށް, އެ މީހުން ހައިހޫނުކަމާ ކުރިމަތި ކުރުވާފައިވާ މި ކާރިސާއަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާއެއް ކަމުގައެވެ. އަދި, ފަލަސްޠީނުގެ މުސްލިމުންނަށް ހައިހޫނު ކަމާ ކުރިމަތި ކުރުވުން ހުއްޓައިލުމަށް އޭނާ ވަނީ ޖައްބާރު ޔަހޫދީންނަށް ގޮވައިލައްވާފައެވެ.

އޮކްޓޫބަރު 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31,819އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުޑިން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ހާމަ ކުރެއްވިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,934އަށް އުފުލިފައެވެ.

ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރުން އިސްނަގައިގެން ޔަހޫދީންނާ އެކު ދަނީ މަޝްވަރާތައް ބާއްވަމުންނެވެ. މި މަޝްވަރާތަކުގެ އައު ބުރެއް ޤަޠަރުގައި މިހާރު ދަނީ ބާއްވަމުންނެވެ. ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނެސް, ޔަހޫދީ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ޙަމާސުން ވަނީ އައު އެއްބަސްވުމެއް އެކުލަވައިލާ ފޮނުވާފައެވެ. ނަމަވެސް, ޔަހޫދީން އެ ކަންކަމަށް އެއްބަސްވާނެ ކަމަކަށް ނުބެލެވެއެވެ.