ޚަބަރު

ހުޅުމާލެއަށް އިތުރު 6 ސްކޫލް ބޭނުންވޭ: ވަޒީރު


  • ފޭސް 2 އަށް 4 ސްކޫލް ބޭނުންވޭ

  • ފޭސް 1 އަށް 2 ސްކޫލް ބޭނުންވޭ

  • ސަރުކާރުގެ ސިޔާސަތަކީ އެއްދަންފަޅިއަށް ކިޔަވައިދިނުން

ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ޚާއްސަކޮށްގެން އިތުރު 6 ސްކޫލްއެއް ބޭނުންވާކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް އިތުރު ކިތައް ސްކޫލު ބޭނުންވޭތޯ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ތައުލީމީ ކަންތައްތަކާ ބެހޭ ވަޒީރު އިސްމާޢިލް ޝަފީއު ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ތަރައްޤީކުރަމުން އަންނަ ސްކޫލްގެ އިތުރުން މަދުވެގެން 4 ސްކޫލް އަދި ބޭނުންވާކަމަށެވެ. އަދި ދެވަނަ ފިޔަވައްސެކޭ އެގޮތަށް ފުރަތަމަ ވިޔަވަހީގައިވެސް އިތުރު 2 ސްކޫލްތައް އިމާރާތް ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކޮންމެހެން އެއް ސެޝަނަށް ގެންދިއުމުގެ ވާހަކައެއް ނޫން މި ނަންގަތީކީ، ކަށަވަރުކުރެވޭނީ ހަ ސްކޫލު އަދި ހުޅުމާލޭގައި ގާއިމްކުރެވިގެން."
ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ގްރޭޑް 1 އިން 10 ތަޢުލީމު ފޯރުކޮށްދެމުން އަންނަނީ ޞަލާހުއްދީން ސްކޫލްގައެވެ. ނަމަވެސް ދެވަނަ ފިޔަވައްސަށް އިތުރުވަމުން އަންނަ އާބާދީއާއެކު އެ ސުކޫލްއަށްވެސް ވަނީ ބާރު ބޮޑުވެފައެވެ. 1700 ކުދިންގެ ޖާގައިގެ ސުކޫލްއެއްގައި މިވަގުތުވެސް އެ ޢަދަދަށްވުރެ އިތުރަށް ކުދިން އަންނަނީ ކިޔަވަމުންނެވެ. ވަޒީރު ވިދާޅުވީ މިހާރުވެސް 800 އަށް ވުރެ ގިނަ ކުދިން ސްކޫލްއަށް ވެއްދުމަށް ރިކުއެސްޓް ލިބިފައިވާކަމަށެވެ.

ޞަލާހުއްދީން ސްކޫލްއަށް ބާރު ބޮޑުވުމުގެ ސަބަބުން ކުރިއަށް އޮތް ދިރާސީ އާ އަހަރާއެކު އެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރުގެވެސް ސިޔާސަތަކީ އެއްދަންފަޅީގެ ސިޔާސަތުކަމަށާއި އެކަމުން ތައުލީމީ ފެންވަރު ރަނގަޅުވެ، ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދޭން ފަސޭހަވެގެން ދާނެ ކަމަށެވެ. ނަމަވެސް ދަރިވަރުން އުޅޭ ތަނަކުން ތައުލީމު ފޯރުކޮށްދިނުމަށް ބޮޑު ޒިންމާ އޮތުމާއެކު ސަލާޙުއްދީން ސުކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ބަދަލުކުރީ އިތުރު ގޮތެއް ނެތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިއަހަރުގެ ތެރޭގައި 2 ސްކޫލެއްގެ މަސައްކަތް ފަށްޓަވާނެކަމަށް މީގެ ކުރިން ވަޒީރުވަނީ ވިދާޅުވެފައެވެ.