ޚަބަރު

ކުރިން ދިރާސީ އަހަރު ބަދަލުކޮށްފައި އޮތީ %70 މީހުންގެ ޚިޔާލާ ދެކޮޅަށް: ވަޒީރު


  • 30،000 މީހުންގެ ޚިޔާލު ހޯދި

  • އަހަރުގެ މެދުތެރެއަށް ކިޔެވުން ފަށާކަށް ދަރިވަރުންވެސް ބޭނުމެއް ނުވޭ

  • ޖެނުއަރީ މަހަށް ކިޔެވުން ބަދަލުކުރުމުން ގެއްލުނު 6 މަސް ލިބޭނެ

ކުރީ ސަރުކާރުން ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލުގެނެސްފައިވަނީ އެކަމަށް ޚިޔާލު ހޯދި މީހުންގެ ތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށްކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާ ތާރީޚް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމަށް 30،000އެއްހާ މީހުންގެ ޚިޔާލު ހޯދާފައިވާކަމަށެވެ.

ވަޒީރު ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރުމުގައި ސަރުކާރުން ގިނަ ކަންތައްތަކަކަށް ވިސްނާވަޑައިގެންނެވި ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އެ ބަދަލު ގެނެސްފައި އޮތްގޮތަށްވެސް ބެއްލެވި ކަމަށެވެ. ދިރާސީ އަހަރު ބަދަލުކުރުމަށް ކުރީ ސަރުކާރުން 30،000 މީހުންގެ ޚިޔާލު ހޯދިކަމަށާއި، ނަމަވެސް އެބަދަލު ގެނެސްފައިވަނީ މީގެތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކިޔެވުން ފަށާ ދުވަސްވަރު އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަކީ ދަރިވަރުންނާއި ބެލެނިވެރިން ވެސް ބޭނުންވި ގޮތް ނޫންކަން ވަޒީރު ފާހަގަކުރެއްވުއެވެ.

"އެކަޑަމިކް ކަލަންޑަރާ ކުޅޭކަށް ރައްޔިތުންނެއް ނޭދޭ. ޓީޗަރުން އަދި ބެލެނިވެރިންވެސް ނޭދޭ." ތައުލީމީ ވަޒީރު ޑރ. އިސްލާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީމަހު ފަށަން ބަދަލުކޮށްފައިވަނީ ކޯވިޑު-19ގެ ތެރޭގައި ދަރިވަރުންގެ ހަޔާތުން ގެއްލުނު 6 މަސް ދުވަސް އަނބުރާ އިޔާދަކުރެވޭނެ އިންތިޒާމުތަކާ އެކުގައިކަމަށެވެ. އަދި ދިރާސީ އަހަރާއި މާލީ އަހަރު ދިމާ ނުވުމުންވެސް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ކޭމްބްރިޖްގައި މިއޮންނަނީ މާއްދާއެއް ކިޔެވުމަށް ވަކި ވަރެއްގެ ގައިޑެޑް ލާނިން އަވާސްތަކެއް ހިމަނާފައި. މިހާރު ވެސް ކޭމްބްރިޖަށް ވުރެ ވެސް އަޅުގަނޑުމެންގެ ގައިޑެޑް ލާނިން އަވާސްތައް މި ބަދަލާ އެކު ވެސް މާ ގިނަ ވެގެންދޭ." ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްލާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިރާސީ ކަލަންޑަރަށް ގެންނެވި ބަދަލާއެކު ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމާއި ކަސްރަތާއި ދަރިވަރުންގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިން ރާވާފައި އޮތީ މާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ނޫން ކަމަށެވެ. އެގޮތުން ކުރިން 140 އަށްވުރެ ގިނަ މުބަރާތް ބާއްވަމުން ގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކެޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއެކުވެސް ދަރިވަރުންނަށް ދޭންޖެހޭ ހަށިހެޔޮކަމާއި ދުޅަހެޔޮކަމާއި ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމާއެކުގައި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ވެސް ނަންގަވަންޖެހޭ ފިޔަވަޅުތައް ނަންގަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ފަތުރުވެރިކަމުގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެމީހުންގެ ދަރިން ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާތީކަމަށް ބުނެއެވެ. ނަމަވެސް މިސަރުކާރުން ވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ޖެނުއަރީ މަހުން ފަށާގޮތަށް ބަދަލު ގެނެސްފައެވެ.