ޚަބަރު

ކާށިދޫ އުތުރު އަވަށުގައި ހުރި ދޯނިތަކެއްގައި ރޯވެ އަނދައި އަޅިއަށް


ކ. ކާށިދޫ ކުރީގެ ދޯނި ހަރުގެ ހިމެނޭ ސަރަޙައްދުގައި ހުރި 3 ދޯންޏެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢޫލޫމާތުދެއްވަމުން ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ވިދާޅުވީ ރޭ ދަންވަރު 12:30ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެރަށު އުތުރު އަވަށު ހިއްކި ސަރަހައްދުގައި ހުރި ބޮޑު 2 ދޯންޏަކާއި، ކުޑަ އެއް ދޯންޏެއްގައި ކަމަށެވެ.

އޭގެ ތެރެއިން ބޮޑު 2 ދޯންޏަކީ ބާވެ ހަލާކުވެފައިވާ ދޯނިތަކެއްކަމަށާއި، ކުޑަ ދޯނި ނުވަތަ ބޮއްކުރާއޮތީ މިހާރުވެސް ބޭނުންކުރެވޭ ހާލަތުގައި ކަމަށެވެ.

މިހާދީސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެނދި ދޯނިތަކަކީ، މަގަކަށް އަރާގޮތަށް ހުރުމުން އެސަރަހައްދުން ނެގުމަށް ރަށު ކައުންސިލުން އަންގައި މިހާތަނަށްވެސް ނުނަގައިހުރި ދޯނިތަކެކެވެ.

މިހާދިސާ ހިނގުމާއި ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި އާންމު ފަރާތްތަކުންނާއި އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ.