ޚަބަރު

މުޅި ރާއްޖެ ރޮއްވާލި އެނަމާ ކާރިސާއަކީ އެތައް އިބުރަތެއް ލިބުނު ކާރިސާއެއް


  • ބޯޓުން ދަތުރުކުރި 122 މީހުގެ ތެރެއިން 22މީހުން މަރުވެ 2 މީހުން ގެއްލުނު

  • މި ހާދިސާއަށް މިއަދަށް 20 އަހަރު

  • މިއީ ރާއްޖޭގައި ކާރިސާ އިޢުލާނުކުރި ފުރަތަމަ ފަހަރު

މީގެ 20 އަހަރު ކުރިން، 17 މަރޗްވީ ބުދަދުވަހުގެ ރެޔަކީ ދިވެހިން ނުދެކޭފަދަ ހިތާމައާއި ބިރުވެރިކަމުގެ ރެއެކެވެ. މަޝްހޫރު އެނަމާ ބޯޓު ބަންޑުން ޖަހާލި ކާރިސާގައި 22 މީހުން މަރުވެ 2 މީހުން ގެއްލުނު ޙާދިސާއެވެ. މިއީ ކަނޑުމަތީގެ މިފަދަ ކާރިސާއެއްގައި ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ފުރާނަ ގެއްލުނު ކާރިސާވެސްމެއެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލި ކާރިސާ ހިނގާފައިވަނީ ގއ.ވިލިނގިލީގައި، ވިލިނގިއްޔާ ތިނަދޫ ކުޅުނު ޒޯން ފުޓުބޯޅަ މެޗު ބެލުމަށްފަހު، 122 މީހުންނާއެކު އެ ބޯޓު އަނބުރާ ތިނަދުއަށް ދިޔަ މަގުމަތީގައެވެ. މިބޯޓުން އަހަރު ނުވާ ތުއްތު ކުއްޖެއްވެސް ދަތުރުކުރިއެވެ. ބުނެވޭގޮތުގައި އެނަމާ ބޯޓު ބަންޑުންޖަހާލީ، ކައިރިންދިޔަ ދޯންޏެއްގެ ރާޅު ބާނީގައި ޖެހިއެވެ. ނަމަވެސް ކާރިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ނޭނގެއެވެ.

މިހިތާމަވެރި ކާރިސާއަށް 20 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، އެނަމާ ބޯޓު ހާދިސާއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާރިސާގެ ޙާލަތު ސަރުކާރުން އިޢުލާނުކުރި ހާދިސާއެވެ.

އެނަމާ ކާރިސާއަކީ އަހަރަމެންނަށް އެތައް ފިލާވަޅަކާއި އެތައް ކަމެއް ދަސްކޮށްދިން ކާރިސާއެކެވެ.

އެނަމާ ބޯޓަކީ މުދަލާ މީހުން އުފުލަން ބޭނުންކުރި ބޯޓެކެވެ. ބޯޓަށް މީހުން އެރުވުމުގެ ހުއްދައަކީ 70 ނަމަވެސް، އެ ބޯޓު އެރޭ ދަތުރުކުރީ މިއަށްވުރެ ދެގުނައާއި ގާތްކުރާ އަދަދަށް މީހުން އަރުވައިގެންނެވެ. ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ސަމާލްކަންދިނުމަކީ ރައްކާތެރިކަމުގެ ފުރަތަމަ ފިޔަވަޅެވެ.

އެނަމާ ބޯޓު ބަންޑުން ޖަހާލިކަން އެނގި އެންމެފުރަތަމަ އެހީތެރިކަން ދިނުމުގެ މަސައްކަތް ފެށީ ގއ.ދެއްވަދޫ "އަރުތަ" ދޯންޏެވެ. އެ ހާދިސާ އެންމެ ގާތުން ފެނުނީ ދާންދޫ "މިޔަރެން" ދޯންޏަށެވެ. ނަމަވެސް ކަނޑުވެފައި ތިބި މީހުން ކުރަމުންދިޔަ އާދޭހަށް ބީރުކަންފަތެއްދީ، މިޔަރެން ދޯނި އެ ސަރަޙައްދުން ދިޔައީ އެ ދޯނިން ބޭނި 12 ޓަނުގެ މަސް ހަލާކުވެދާނެތީ އެ ކިރަން ދާންށެވެ. އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށްވުރެ އެ ދޯންޏަށް މުހިންމުވީ، މަސް ކިރައިގެން ލިބެން އޮތް ފައިސާކޮޅެވެ.

ދެއްވަދޫ އަރުތަ ދޯނިން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދިޔައިރު ދިމާވި އެންމެބޮޑު މައްސަލައަކީ މިފަދަ ޙާލަތެއްގައި ބޭނުންވާ ފަސްޓް އެއިޑް ނުވަތަ ކުއްލި ފަރުވާ ދޭން އިނގޭ މީހަކު ނެތުމެވެ. ގިނަ ބަޔަކު ޙާލު ދެރަވީ ލޮނުބޮވުމާ ހާސްކަމާ ވަރުބަލިވެގެންނެވެ. މިއީ ގިނަ ބައެއްގެ ފުރާނަދާން މެދުވެރިވި ސަބަބުވެސްމެއެވެ. ހޮސްޕިޓަލާ ހަމައަށް ބައެއް މީހުން ފޯރިއިރު މާބޮޑަށް ލަސްވެއްޖެއެވެ. ސަލާމަތްކުރެވުނު މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދޭން އެނގޭ މީހެއް ނެތުމަކީ ކަނޑުވެފައި ތިބި މީހުން ސަލާމަތްވާނެކަމުގެ އުއްމީދު ކެނޑި އެހީ ލިބުމުގައި ލަސްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބުކަމަށް ޙާދިސާގައި ހާލުގައި ޖެހުނު މީހުންނާއި މީހުން ސަލާމަތްކުރުމުގައި އުޅުނު މީހުންވެސް ބުނެއެވެ.

ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށްވެސް އެތައް ގޮންޖެހުމަކާ ކުރިމަތިވިއެވެ. އެކަމަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ވަސީލަތްތަކެއްވެސް އެކަށީގެންވާ ގޮތެއްގައި ނެތެވެ. ސަރޗް އެންޑް ރެސްކިއުގެ މަސައްކަތްތައް ހަލުވިކުރެވުނީ މާލެއިން އެކަމަށް ޓީމެއް ގޮސްގެންނެވެ.

މިކާރިސާގެ ހިތާމައިގެ ވަގުތުގައިވެސް ނިޔާވި 22 މީހުންގެ ކަށުކަމާ ކެމީގެ ކަންކަމުގައި ކެތްތެރިކަމާއެކު ރަށުގެ ރައްޔިތުން އެތައް ވަގުތެއް ހޭދަކުރަންޖެހުނެވެ. ނިޔާވި މީހުން ވަޅުލާފައިވަނީ ކޮނެފައިވާ ބޮޑު އެއް ވަޅެއްގައެވެ. މިޙާދިސާގައި ވަކިވެގެންދިޔަ މީހުންގެ މައްޗަށް މުޅި ރާއްޖޭގައި ޣައިބަށް ކަށުނަމާދުކުރިއެވެ.

އެނަމާ ކާރިސާއަށް މިއަދު 20 އަހަރު ފުރުނުއިރު، އެދުވަހުގެ ޙާދިސާއިން ސާލާމަތްވި މީހުންނަށް އަދިއަދަށްވެސް ހަމަނިދި ނުލިބެއެވެ. އެ މަންޒަރު މިއަދުވެސް ސިފަވެއެވެ. އާއިލާއާއި އަވަށްޓެރިންނާއި ރައްޓެހިންގެ ކުއްލި ވަކިވުމާއެކު މިއަދުވެސް ތިނަދޫ ކަރުނައަޅައެވެ.

ގުދުރަތީ ކާރިސާތަކަކީ އެކަމުގައި އިންސާނުންގެ ބާރުވެރިކަން އޮތް ކަންކަމެއް ނޫނެވެ. ނަމަވެސް ކަނޑުމަތީގެ މިފަދަ ޙާދިސާތަކުން ރައްކާތެރިވުމަށް ހެދިފައިވާ އުސޫލުތަކަށް ސަމާލްވުން މުހިންމެވެ. އަދި އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި ދިވެހިންގެ އެއްބައިވަންތަކަން އިސްކުރަންޖެހެއެވެ.