ޚަބަރު

ރައީސް ޔާމީން އިންޑިޔާއަށް ފުރާވަޑައިގެންފި


އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސްއިން ދިނުމަށް ހަމަޖެހިފައިވާ "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯޑް އެރުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

"ޑޮކްޓަރ ކަލާމް ޕްރަކާސް ފޮރ އެކްސެލެންސް އިން ގަވަރނަންސް "2016 އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އިންޑިއާގެ ޓްރިވެންޑްރަމްގައެވެ. ޑޮކްޓަރ ކަލާމް ޕުރަސްކާރް އެވޯޑަކީީ، ޤައުމުތަކުގެ އިސްވެރިންގެ ތެރެއިން އެޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު އެރުވުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިގޮތުން މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ޑޮކްޓަރ ކަލާމް ޕުރަސްކާރް އެވޯޑް ލިބިވަޑައިގަންނަވާ ފަރާތްތައް ކަނޑައަޅުއްވަނީ، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ ކޮމިޓީއަކުންނެވެ. މީގެތެރޭގައި އިޖްތިމާޢީ ދާއިރާއިން ޚިދުމަތްކުރައްވާ ފަރާތްތަކާއި، އިންޑިޔަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނުގެ ކުރީގެ ޗެއާމަނާއި، އިންޑިޔާ ސަރުކާރުގެ ސަފީރުންނާއި، ކައުންސެލް ޖެނެރަލުން ހިމެނިވަޑައިގަންނަވައެވެ.