ޚަބަރު

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމާ ގުޅިގެން ރައީސް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ


  • މިއީ ތާރީޚީ މުނާސަބަތެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް މައުމޫން ވަނީ ތަހުނިޔާދަންނަވާފައި

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ތަޙުނިޔާ ދަންނަވައިފިއެވެ.

ރޭ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ތާރީޚީ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު އަށާއި ދިވެހި ސިފައިންނަށް ތަހުނިޔާ ދަންނަވާކަމުގައި ރައީސް މައުމޫން ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އިސްވެރިޔާގެ މަޤާމުވެސް އަދާކުރައްވާފައިވާ ރައީސް މައުމޫނު އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި ގުޅިގެން މަރުހަބާ ދަންނަވާފައިވާއިރު، ރޭގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްވަނީ އަސްކަރިއްޔާގެ ވައިގެ ބާރު އުފެއްދުމަށް ވޭތުވެދިޔަ އަހަރުތަކުގެ ސިފައިންގެ އިސްވެރިން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު ޢަދާކުރައްވާފައެވެ.


ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް ތަޢާރަފްކުރައްވައިފިވާއިރު، މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމާއި އެންމެހާ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގާނެއެވެ.

އަދި ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ ސަރަޙައްދުތަކުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެގޮތުން ހިންގަންޖެހޭ ސާރޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވާނެއެވެ.