ކުޅިވަރު

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މި އަހަރުވެސް ރާއްޖޭގައި


ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މި އަހަރުވެސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާކަން ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ހާމަކޮށްފިއެވެ.

މި ފަހަރުގެ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 6 އިން 10 ގެ ނިޔަލަށެވެ. އަދި މި އަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކަމަށް ބީބީއޭއެމުން ވަނީ މައުލޫމާތުދީފައެވެ.

މިދިޔަ އަހަރުވެސް މާލޭގައި ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ބޭއްވިއިރި، އެ މުބާރާތުގައި ހަ ގައުމަކުން އެތުލީޓުން ވާދަކުރިއެވެ. އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ހަތަރު ރަން މެޑެއްޔާއި، ހަތަރު ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދާފައެވެ.

އެ ގޮތުން އެ ފަހަރު ރަން މެޑަލް ހޯދި ބޮޑީބިލްޑަރުންނަކީ އަޒްނީން ރަޝާދާއި، މުޙައްމަދު ޔާމީން (ޔާމްބެ) އާއި، މުޙައްމަދު މޫސާ (މޯޑު) އަދި އަބްދުﷲ އަހުސަނެވެ. އަޒްނީން ރަން މެޑަލް ހޯދީ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރުގެ ކެޓަގަރީންނެވެ. އަދި 85 ކިލޯގެ ކެޓަގަރީން ޔާމްބެ ރަން މެޑަލް ހޯދިއިރު، މޯޑު ރަން މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީންނެވެ. އަދި އަހުސަން ވަނީ އެތުލެޓިކްސް ފިޒީކް 175 ސެންޓިމީޓަރުގެ ބައިން ރަން މެޑަލް ހޯދާފައެވެ.

ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މި އަހަރުވެސް ރާއްޖޭގައި ބާއްވާއިރު، 2022 ވަަނަ އަހަރު ވަނީ އޭޝިއާގެ ބޮޑީބިލްޑިން މުބާރާތްވެސް ރާއްޖޭގައި ބާއްވާފައެވެ. އެ ފަހަރު މުބާރާތް ބޭއްވީ ކ. މާފުށީގައެވެ.

އަދި މި އަހަރުގެ ނޮވެމްބަރު މަހު 15 ވަނަ ވޯލްޑް ބޮޑީބީލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. އެކަން ރަސްމީކޮށް ހާމަކޮށްފައިވަނީ ދުނިޔޭގެ ބޮޑީބިލްޑިން ފެޑެރޭޝަނުންނެވެ. އެ މުބާރާތާއި ގުޅޭގޮތުން ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބޭފުޅުން މީގެ ކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވާފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ މުބާރާތަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަން ހާމަކުރައްވާފައެވެ.