ކުޅިވަރު

އޯޕަން ޓޭޕްބޯލް: އެވިއާ މޯލްޑިވްސް އާއި އެމްއޭސީއެލްއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން އެވިއާ މޯލްޑިވްސް އާއި އެމްއޭސީއެލްއަށް މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުން އެވިއާ މޮޅުވީ މީރާއާ ބައްދަލުކޮށް އަށް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 67 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 18 ބޯޅައިން 15 ލަނޑު ހެދި މުޙައްމަދު ޖިނާހް އިބްރާހީމާއިި، ނުބައިނުވެ 25 ބޯޅައިން 14 ލަނޑު އެއްކުރި މޫސާ ޖިނާހެވެ. ޖަވާބުގައި އެވިއާ ކުޅެން އަރައި 3.3 ވަނަ އޯވަރުގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 73 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 10 ބޯޅައިން 30 ލަނޑު ހެދިއިބްރާހީމް ރިޒާނާއި، ނުބައިނުވެ 10 ބޯޅައިން 27 ލަނޑު އެއްކުރި ޔޫސުފް އަޒިޔާނެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން އެމްއޭސީއެލް މޮޅުވީ މެރީ ކޯނާއާ ބައްދަލުކޮށް 140 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެމްއޭސީއެލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ވަނީ 193 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 36 ލަނޑު ހެދި އާދަމް ނާސިފް އުމަރާއި، 14 ބޯޅައިން 36 ލަނޑު ހެދި އިބްރާހީމް ނަޝާތުގެ އިތުރުން 10 ބޯޅައިން 34 ލަނޑު އެއްކުރި އަމީލް އަޙްމަދު މައުރޫފެވެ. އަދި އެ ޓީމުގެ އިސްމާޢީލް އަލީ ވަނީ ނުބައިނުވެ ފަސް ބޯޅައިން 30 ލަނޑު ހަމަކޮށްފައެވެ.

ޖަވާބުގައި މެރީ ކޯނާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 53 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އަށް ބޯޅައިން 17 ލަނޑު ހެދި މުޙައްމަދު އަޒްލީއެވެ.

ދިވެހީންނަށް ހުޅުވާލައިގެން ކުރިއަށްދާ އޯޕަން މުބާރާތުގައި މި ފަހަރުވެސް 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.