ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާއަށް ހޭލުންތެރިކުރުވުމަށް ކެމްޕެއިނެއް


ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރެއްވުމަށް ޖެންޑަރ މިނިސްޓްރީގެ ފަރާތުން މާލެ އަތޮޅުގައި ކުރިޔަށް ގެންދަވާ ޙަރަކާތްތައް ކ.އަތޮޅު ގުރައިދޫގައި ހިންގަވައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ލޯވް އެންޑް ޖެންޑަރއިން މާލެއަތޮޅުގެ ރަށްތަކުގައި ހިންގަވާ ޙަރަކާތްތަކުގެ ތެރެއިން  ގުރައިދޫގައި ކުރިޔަށް ގެންދެވީ މިކަމަށް ޚާއްޞަ ޑޯ-ޓު-ޑޯ އަދި ކުޑަކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރިވުމާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމުގެ ދަންފަޅިއެއް ކަމަށް އެމިނިސްޓްރީއިން ބުނެއެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހާއި  ހުކުރު ދުވަހު ކ.ގުރައިދޫގައި އެ މިނިސްޓްރީގެ ފަރާތުން ގުރައިދޫގެ 73 ގެއަކަށް ޒިޔާރަތްކުރައްވައި މަޢުލޫމާތު ދެއްވާފައިވާކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.

ގުރައިދޫގައި ހިންގަވާ ޙަރަކާތްތަކާ ބެހޭގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓްރީ އޮފް ލޯވް އެންޑް ޖެންޑަރގެ ޗައިލްޑް ރައިޓްސް ޑިވިޝަންގެ، ސޯޝަލް ސަރވިސް ސީނިއަރ އޮފިސަރ ނަހުއާ ޢާދިލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ހުކުރު ދުވަހުގެ ހަވީރާ ހަމައަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި މައިގަނޑު ގޮތެއްގައި ދެވުނު މަޢުލޫމާތުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއަކީ ކޮބައިކަމާއި، އަނިޔާ ލިބޭކުދިން ދެނެގަންނާނެ ގޮތްތަކާއި، އަދި އެފަދަ އަނިޔާތަކުން އެކުދިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ގެވެށި އަނިޔާއާއި، ގެވެށި އަނިޔާގެ ސަބަބުން ކުދިންނަށްކުރާ އަސަރާ ގުޅޭގޮތުންވެސް މަޢުލޫމާތު ދެއްވާފައިވާކަމަށް ނަހުއާ ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން ގުރައިދޫގައި ކުރިއަށް ގެންދިޔަ ޑޯ-ޓު-ޑޯ ކެމްޕެއިންގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރެއާއި، ހުކުރު ދުވަހުގެ ރޭ އެރަށު ސްކޫލްގައި ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމާ ގުޅޭގޮތުން ގުރައިދޫ ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނާއި، އެކުދިންގެ ބެލެނިވެރިންނަށް މި ސެޝަންތަކުގައި މަޢުލޫމާތު ދީފައިވެއެވެ.