ކުޅިވަރު

އޯޕަން ޓޭޕްބޯލް: އޭއާރްސީ އާއި ކަރުދާސް ކްރިކެޓް ކުލަބަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން އޭއާރްސީ އާއި ކަރުދާސް ކްރިކެޓް ކުލަބު މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ ފުރަތަމަ މެޗުން އޭއާރްސީ މޮޅުވީ ސީބީއެމްއާ ބައްދަލުކޮށް ނުވަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ސީބީއެމް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 81 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ ހަ ބޯޅައިން 13 ލަނޑު ހެދި އިމާދު އިސްމާޢީލެވެ. ޖަވާބުގައި އޭއާރްސީ ކުޅެން އަރައި 4.4 ވަނަ އޯވަރުގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 82 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ މުޙައްމަދު އައްޒާމް ވަނީ ނުބައިނުވެ 16 ބޯޅައިން 24 ލަނޑު ހަދާފައެވެ. އަދި ހަސަން ރަޝީދު ވަނީ ނުބައިނުވެ 12 ބޯޅައިން 13 ލަނޑު އެއްކޮށްފައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ ދެވަނަ މެޗުން ކަރުދާސް ކްރިކެޓް ކުލަބު މޮޅުވީ ކިންޒާ ކެފޭއާ ބައްދަލުކޮށް 39 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ކަރުދާސް ކްރިކެޓް ކުލަބު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 119 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 30 ބޯޅައިން 53 ލަނޑު ހެދި އަޙްމަދު ހަސަނެވެ. ޖަވާބުގައި ކިންޒާ ކެފޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 12 ބޯޅައިން 19 ލަނޑު ހެދި ސަލާމް މުޙައްމަދެވެ.

ދިވެހީންނަށް ހުޅުވާލައިގެން ކުރިއަށްދާ އޯޕަން މުބާރާތުގައި މި ފަހަރުވެސް 12 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ.