މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް 40 ވެހިކަލް ފުލުހުން ރޭ ޓޯކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގެ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން، އަމީނީމަގުން އެކަނި ވެސް ރޭ 15 ވެހިކަލް ޓޯކުރި ކަމަށެވެ. އަދި ރޭ އެކަނި ވެސް މާލޭގެ އެކި ތަންތަނުން 40 ވެހިކަލް ޓޯކުރި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބޮއްސުންލުމުގެ ސަބަބުން ޤަވާޢިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ހަފުތާގައެވެ.
ފުލުހުން ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ބައްލަވަމުންގެންދާނެކަމަށެވެ. އެގޮތުން ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބައްލަވަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން އޮފީސް ޢިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި ގަރާޖުތަކުން، ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާހެން ޕާކުކޮށްފައިވާނަމަ ފިޔަވަޅު އަޅުއްވާނެކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މާލޭ ސަރަޙައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ޤާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސާލީ މިދިޔަ ޖެނުއަރީމަހުއެވެ. ނަމަވެސް އޭގެފަހުން މަގުތަކުގެ ދެ ފަރާތުގައިވެސް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން މަގުމަތީގެ ޓްރެފިކް ބާރުބޮޑުވެ މަގުތައް ބޭނުންކުރުމުގައި އުނދަގޫވާތީ، އެކަމުގެ ޝަކުވާ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.