ޚަބަރު

ޓިއާން ޒޮންގ، ސިފައިންގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި


ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ ޗައިނާ ޕީޕަލްސް ލިބަރޭޝަން އާރމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރ ވައިސް އެޑްމިރަލް ޓިއާން ޒޮންގ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރާއި ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަ ކޮށީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުހައްމަދު ޒުހައިރާއި ޑިޕާރޓްމެންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބްދުލް މަތީން އަހުމަދުގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗައިނާ ޕީޕަލްސް ލިބަރޭޝަން އާރމީ ނޭވީގެ ޑެޕިއުޓީ ކޮމާންޑަރ ވައިސް އެޑްމިރަލް ޓިއާން ޒޮންގ މިއަދުވަނީ ސިފައިންގެ އިސް އޮފިސަރުންނާއިވެސް ބައްދަލުކުރައްވާފައެވެ. 

img:http://s2.psmnews.mv/images/660x400/14615994772012.jpg|ވައިސް އެޑްމިރަލް ޓިއާން ޒޮންގ، ސިފައިންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މި ބައްދަލުވުމުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ޗައިނާގެ އަސްކަރިއްޔާއިން، އަސްކަރީ ތައުލީމް އުނގެނުމުގެ ފުރުސަތު ހޯދުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ. އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝާހިދާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރާއި ކާނަލް އަބްދުލް މަތީން އަހުމަދާއި ކާނަލް މުހައްމަދު އިބްރާހިމާއި ކާނަލް ހާމިދު ޝަފީގް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.