ޚަބަރު

ބީއެމްއެލްގެ ހިއްސާދާރުންނަށް 91.4 މިލިއަން ރުފިޔާ ބަހަނީ


މިދިޔަ އަހަރު ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ފައިދާއިން ނުވަދިހަ އެކެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާ ޙިއްޞާދާރުންނަށް ބެހުމަށް އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް އެބޭންކުން ނިންމައިފިއެވެ. 

މިކަން މިގޮތަށް ނިންމާފައިވާކަން ބަޔާން ކުރައްވާފައިވަނީ، މިއަދު ޢާންމުކުރި އެ ބޭންކްގެ އަހަރީ ރިޕޯޓުގައެވެ. އެހެންކަމުން މިދިޔައަހަރުގެ ފައިދާއިން ޙިއްޞާދާރުނަށް، ޙިއްޞާއަކަށް 17 ރުފިޔާ ބެހުމަށް މިއަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށައަޅާނެއެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލުން ޢާންމުކުރި އެ ބޭންކުގެ 2015 ވަނަ އަހަރުގެ މާލީ ހިސާބު ހިމެނޭ އަހަރީ ރިޕޯޓުގައި ވާގޮތުން، ޓެކްސްއަށް ނުކަނޑާ، އެ ބޭންކަށް މިދިޔައަހަރު 932 މިލިއަން ރުފިޔާ ފައިދާ ވަނީ ލިބިފައެވެ. އެއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ބައެއް ލޯންތަކުގެ ޕްރޮވިޝަނާއި އެބޭންކަށް ނުދައްކާ ހުރި ލޯނު ފައިސާގެ ޢަދަދު އުނިކުރުމުން ސާފު ފައިދާ، މިދިޔަ އަހަރާ އަޅާބަލާއިރު 136 އިންސައްތަ އިތުރު ކަމަށް މާލީ ރިޕޯޓްގައި ބުނެފައިވެއެވެ. 

ޤައުމީ ބޭންކުގެ މާލީ ޙާލަތު އަހަރުން އަހަރަށް ރަނގަޅުވަމުން އަންނައިރު ޙިއްޞާދާރުންނަށް ބެހުމަށް ކަނޑައަޅާ ޢަދަދުވެސް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. ފާއިތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ބީއެމްއެލްގެ ވިޔަފާރި ހުރިހާ ދާއިރާއަކުން ވަނީ ކުރިއަށްޖެހިފައެވެ. އެގޮތުން ބޭންކުން ދޫކުރި ލޯނު 22 އިންސައްތަ އިތުރުވެފައި ވާއިރު އަނބުރާ ނުދައްކާ ލޯނުގެ ޢަދަދުވެސް 19 އިންސައްތައަށް ދަށްކޮށްފައި ވާކަމަށް އަހަރީ ރިޕޯޓުގައި ބުނެފައިވެއެވެ.

ފާއިތުވެދިޔަ އަހަރު 14.1 ބިލިއަން ރުފިޔާ ބޭންކަށް ޖަމާކޮށްފައިވެއެވެ. މިއީ އޭގެ ކުރީއަހަރާ އަޅާބަޅާއިރު 16 އިންސައްތަ އިތުރު އަދަދެކެވެ. ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން 150 މިލިއަންރުފިޔާ ފާއިތުވެދިޔަ އަހަރު އިންވެސްޓްކޮށްފައިވާކަމަށް ބޭންކުން ބުނެއެވެ. މި އަދަދަކީ ބޭންކުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އިވެސްޓް ކުރެވިފައިވާ ފައިސާކަމަށް ބޭންކުން ބުނެއެވެ. 2015 ވަނަ ހަރުގެ ބޭންކުގެ މާލީ ހިސާބުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، މިދިޔަ އަހަރަކީ ބޭންކަށް މާލީގޮތުން ކުރިއެރުންތަކެއް ލިބުނު އަހަރެއް ކަމަށެވެ.

ބީއެމްއެލްގެ އަހަރީ ޢާންމު ޖަލްސާއަށް ހުށައަޅާ މާލީ ހިސާބުތަކުގެ ރިޕޯޓް ނެރުނު ނަމަވެސް އެބޭންކުން އަހަރީ ޢާންމު ޖަލްސާ ބާއްވާނެ ތާރީޚެއް މިހާތަނަށް އަދި ޢިއުލާނު ކޮށްފައެއް ނުވެއެވެ.