ވިޔަފާރި

"ރާއްޖެއަކީ އިންވެސްޓްކުރުމަށް އެންމެ ރަނގަޅު އެއް ޤައުމު"


ދިވެހިރާއްޖެއަކީ މިސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން، ތައިލެންޑު ފިޔަވައި، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު އެއް ޤައުމުކަމަށް ތައިލެންޑުގެ މަޝްހޫރު ބައެއް އިންވެސްޓަރުން ބުނެފިއެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި މުހިންމު ޙިއްޞާއެއް އަދާކުރާ އެއް ދާއިރާއެވެ. ރާއްޖޭގެ ފުދުންތެރިކަން އެއްހަމައެއްގައި ހިފަހައްޓައި، ކުރިއެރުވުމުގައިވެސް ފަތުރުވެރިކަން ބޮޑު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ދިވެހިރާއްޖެއަކީ ދެކުނު އޭޝިޔާ އާއި މުޅި ދުނިޔޭގައުވެސް ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޤައުމަކަށް ހެއްދެވުމަށް ދިވެހި އިންވެސްޓަރުންނާއި ދިވެހި ސަރުކާރުންވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

މިމަސައްކަތްތަކުގެ ނަތީޖާވެސް މި އަންނަނީ ފެންނަމުންނެވެ. އެގޮތުން މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ތަރައްޤީއާއި އިޤްތިޞާދީގޮތުން އަދި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ޙާޞިލްކުރަމުންދާ އެއް ޤައުމުކަމަށްވާ ތައިލެންޑުގެ މަޝްހޫރު ބައެއް އިންވެސްޓަރުން މިވަނީ، ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ތަޢުރީފްކޮށް ވާހަކަދައްކާފައެވެ.

އެގޮތުން ދިވެހިރާއްޖޭގައި މިހާރުވެސް، ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްފައިވާ އަދި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ތައްޔާރުވަމުންދާ، ތައިލެންޑުގެ ބައެއް ކުންފުނިތައް ކަމަށްވާ، ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް، ދުސިތް އިންޓަރނޭޝަނަލް އަދި މައިނަރ ހޮޓެލް ގުރޫޕުން ބުނީ ރާއްޖޭގައި ފަތުރުވެރިކަމަށް ފަހި މާހައުލެއް އެބައޮތް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު އުޖާލާކަމަށެވެ.

ތައިލެންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި ރާއްޖޭގައި އިންވެސްޓްކުރުމާ ބެހޭގޮތުން، ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ސަންއަށް މަޢުލޫމާތުދެމުން މިކުންފުނިތަކުން ވަނީ، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރަމުންދާގޮތަށް ތަޢުރީފްކޮށްފައެވެ. އަދި މި ކުންފުނިތަކުން ބުނީ ރާއްޖެއަކީ ތައިލެންޑު ފިޔަވައި މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމަށް އެންމެ ރަނގަޅު ޤައުމުކަމަށެވެ.

މި ކުންފުނިތަކުން ވަނީ ދިވެހިރާއްޖޭގައި އިތުރު އިންވެސްޓްމަންޓުތަކެއް ކުރުމަށް ތައްޔާރުވަމުންދާކަމުގެ ފެހި ސިގްނަލްވެސް ދީފައެވެ. އަދި މި ކުންފުނިތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމަށް ބޭނުންވާ ދިވެހި އިންވެސްޓަރުންނަށްވެސް އެ ފުރުޞަތު އޮތްކަން އެކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.