ޚަބަރު

ޣައްޒާގައި 24 ގަޑިއިރުގެ ތެރޭގައި 100 މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ފާއިތުވި 24 ވަަރަކަށް ގަޑިއިރުގެ ތެރޭގައި ފަލަސްޠީނުގެ ޣައްޒާއަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި 100އެއްހާ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ހިންގަން ފަށާފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 31,272އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭ ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދިފަހުން ވިދާޅުވެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,024އަށް އުފުލިފައެވެ.

ޣައްޒާގެ 2.3 މިލިޔަނެއްހާ ރައްޔިތުން ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާފައި ވަނީ ޔަހޫދީ ފައުޖުގެ ބޮންތަކާއި މިސައިލްތަކާ ކުރިމަތިލަމުންނެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ނެތި, ހައިހޫނު ކަމުގެ ހާލުގައެވެ. ޣައްޒާގައި ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ މީހުންގެ ޢަދަދު 500,000 އަށް އަރާ ކަމަށް ބުނެ, އދއިން ވަނީ އިންޒާރު ކޮށްފައެވެ. ރަމަޟާން މަހާ ދިމާކޮށް ޔަހޫދީ ފައުޖުގެ ޢުދުވާން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނަށް ވެސް ޔަހޫދީ ފައުޖުގެ ޖައްބާރު ކަމުން މި ރަމަޟާން މަހު ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ. ހުޅަނގު އައްސޭރިއަށް ވެސް އަރައި, ޔަހޫދީ ފައުޖުގެ ސިފައިން ދަނީ ލާއިންސާނީ ޢުދުވާންތައް ހިންގަމުންނެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޢުދުވާނުގައި ހުޅަނގު އައްސޭރިން ހަތަރު މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ.

ޔަހޫދީ ފައުޖުގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ އެއް ކުއްޖަކީ, އުމުރުން އެންމެ 13 އަހަރުގެ ރާމީ އަލް-ޙަލްޙޫލީއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ އިރުމަތީ ބައިތުލްމަޤްދިސްގެ ޝަޢުފާޠު ރެފިއުޖީ ކޭމްޕުގައި ޔަހޫދީ ފައުޖުން ހިންގި ލާއިންސާނީ ގަތުލުއާންމެއްގައެވެ. އޭނާގެ ކުށަކީ, އެހެން ކުދިބަޔަކާ ގުޅިގެން ހަވާ އެރުވުމެވެ.

ޔަހޫދީ އިސްރާއީލުގެ ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު, ޖައްބާރު އިތަމާރް ބެން-ގްވީރް ވަނީ ރާމީ ޝަހީދު ކޮށްލުމުން އެ ކަމާ އުފާ ފާޅު ކޮށްފައެވެ. އަދި, ރާމީ ޝަހީދު ކޮށްލަން ހިންގި ޢުދުވާނުގައި ބައިވެރިވި ޔަހޫދީ ސިފައިންނަށް މަރުޙަބާ ކިޔާފައެވެ. މި ޢުދުވާނުގައި ފަލަސްޠީނުގެ އިތުރު ފަސް މީހަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ރެޑް ކްރެސެންޓުން ބުނެއެވެ.

ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ އިތުރު މީހުންގެ ތެރޭގައި 16 އަހަރުގެ ޢަބްދުالله މައުމޫން ޙަސަން ޢައްސާފާއި, 23 އަހަރުގެ ޒަޔިދު ވަރަދް ޝުކްރީ ޚަލީފާ ހިމެނޭ ކަމުގައި ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އަދި, އިތުރު ތިން މީހެއްގެ ހަށިގަނޑަށް ބަޑި ޖެހުމުން ފަރުވާ ދޭން ޖެހުނު ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.

ބައިތުލްމަޤްދިސްގެ އިތުރުން ހުޅަނގު އައްސޭރީގެ އިރުމަތީ ޠޫލްކަރްމުގެ ޢަންބަތާއާއި, ނާބުލުސްގެ ދެކުނުން އޮންނަ ބޫރީންގައި ވެސް ޔަހޫދީ ފައުޖުން ޢުދުވާންތައް ހިންގާފައިވެއެވެ. އެ ރަށްތަކަށް ޔަހޫދީ ފައުޖުން ބަރުހަތިޔާރާ އެކު އަރާފައި ވަނީ ދަންވަރާއި ފަތިހުގެ ވަގުތުގައެވެ. ޔަހޫދީ ފައުޖުން ބޫރީންގައި ދިން ޙަމަލާތަކުގައި އުމުރުން 35 އަހަރުގެ ފިރިހެނަކާއި, އޭނާގެ ތިން މަހުގެ ދަރިފުޅު ޒަޚަމު ކޮށްލިއެވެ.