ޚަބަރު

ކޮމިއުނިޓީ ސޯޝަލް ގްރޫޕްތައް ތަމްރީންކުރުން


ސަރުކާރުން ކުރިޔަށް ގެންދަވާ "އިޖްތިމާޢީ ރައްކާތެރިކަން އެންމެނަށް" ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އުފެއްދެވި، ކޮމިއުނިޓީ ސޯޝަލް ގްރޫޕްތައް ތަމްރީންކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ފަށްޓަވައިފިއެވެ.

މި ތަމްރީނާއި ބެހޭގޮތުން ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ލޯވް އެންޑް ޖެންޑަރގެ އެގްޒެކެޓިވް ކޯޑިނޭޓަރ، މުޙައްމަދު ޝަކީބް ވިދާޅުވީ، މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބޭއްވެވި މިވާރކްޝޮޕްގައި، ތަފާތު ދާއިރާތައް ހިމެނޭގޮތަށް 8 އަވަށުގެ 8 ކޮމިއުނިޓީ ސޯޝަލް ގްރޫޕަށް، އިޖްތިމާޢީ ރައްކާތެރިކަން އެންމެނަށް މިޕްރޮގްރާމާބެހޭ މަޢުލޫމާތާއި، ރަށްރަށުގެ އިޖްތިމާޢީ ޙާލަތު ދެނެގަތުމަށް މަޢުލޫމާތު އެއްކުރުމުގައި ބަލާނެ ކަންތައްތަކާބެހޭ ސިޓުއޭޝަން އެނެލިސިސް ހަދާނެ ގޮތާބެހޭގޮތުން މަޢުލޫމާތު ދީފައިވާކަމަށެވެ. އަދި ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކުގެ ދައުރާއި މަސައްކަތްތަކާ ބެހޭގޮތުންނާއި، އެކިއެކި ދާއިރާތަކުން އަދާކުރަންޖެހޭ ދައުރުތަކާ ބެހޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ.

މީގެއިތުރުން ރަށުގައި ދިރިއުޅޭ ޚާއްޞަ ރައްކާތެރިކަމާ އަޅާލުން ބޭނުންވާ ފަރާތްތަކާ ބެހޭ މަޢުލޫމާތު ނެގުމަށް، ކޮމިއުނިޓީ ސޯޝަލް ގްރޫޕްގައި ހިމެނޭ ފަރާތްތައް ފީލްޑަށް ނުކުމެ ޙަރަކާތްތެރިވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.

ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކުގައި ހިމެނޭ ދާއިރާތަކަކީ، ތަޢުލީމީ ދާއިރާ، ސިއްޙީ ދާއިރާ، ކައުންސިލް އިދާރާ، މޯލްޑިވްސް ޕޮލިސް ސަރވިސަސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައެއް ޖަމްޢިއްޔާތައްކަމަށް ޖެންޑަރ މިނިސްޓްރީއިން މައްލޫމާތުދެއްވައެވެ.