ޚަބަރު

ހިތާދޫގައި ފެނުގެ ނިޒާމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ފަށައިފި


ހިތާދޫގެ ތަރައްޤީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ރަށުގެ ފެން ތަޣައްޔަރުވުންކަމަށް ހިތާދޫ ކައުންސިލުން ވިދާޅުވެއެވެ. ގިނަ އަހަރުތަކެއް ވަންދެން ރަށުގެ ފެންތަޣައްޔަރުވެ، ނަރުދަމާ ނިޒާމެއް ނެތި ކުރިމަތިވާ ޞިއްޙީ އަދި އެހެނިހެން މައްސަލަތަކުގެ ސަބަބުން އާބާދީގެ ގިނަ ބަޔަކު އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށްވެސް ހިތާދޫ ކައުންސިލުން ވިދާޅުވެއެވެ.

ރާއްޖޭގައި ގިނަ ރަށްތަކުގައި ފެން ތަޣައްޔަރުވުމުގެ ސަބަބުން އެރަށްތަކުގައި މިހާރު ވަނީ ފެނާއި ނަރުދާމާގެ ނިޒާމު ގާއިމުކުރެވިފައެވެ. އަދި ފެނުގެ މައްސަލަތައް ބޮޑު ރަށްރަށުގައި ފެނުގެ ނިޒާމް ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން މަޝްރޫޢުތައް ގެންދަވަނީ ހިންގަވަމުންނެވެ. ކަމާގުޅުން ހުރި އިދާރާތަކުންނާއި، މިފަދަ ރަށްތަކުގެ ކައުންސިލްތަކުން ފާހަގަކުރައްވާގޮތުން ފެން ތަޣައްޔަރުވާން ދިމާވަނީ، އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތި ރަށުގެ ބިންގަނޑަށް ގޭގެއިން ހަދާފައި ހުންނަ ފާޚާނާތަކުގެ ފެން ހިންދަމުން ދިއުމުގެ ސަބަބުންނެވެ.

ބ. ހިތާދުއަކީ 1994 ން ފެށިގެން ފެންތަޣައްޔަރުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ރަށެކެވެ.

ހިތާދޫގެ ވަޅުތަކުގެ ފެން ހުންނަނީ އެހެން ވަޅުތަކުގެ ފެނުގެ ކުލަޔާއި ޚިލާފަށް ހުދު ނުވަތަ ރީނދޫ ޒާތެއްގެ ކުލައިގައެވެ. އެއާއެކު ފެނުގައި ވަރަށް ނުބައި ވަހެއް ދުވައެވެ. މިވަސް ކެނޑުވުމަށް ގިނަ ގެތަކުގައި އޮކްސިޖަން ޕަންޕު ބޭނުންކުރި ނަމަވެސް ފެނުގެ ސާފުތާހިރުވެގެން ނުދެއެވެ.

މިކަމުގެ ސަބަބުން ރަށުގެ ތަރައްގީއާއި، ޢާންމު ސިއްޙަތަށްވެސް ނޭދެވޭ އަސަރު ކުރަމުންދާކަމަށް ހިތާދޫ ކައުންސިލުން ވިދާޅުވެއެވެ.

ހިތާދޫ ކައުންސިލުގެ ނާއިބު ރައީސް ރާޝިދު މުޙައްމަދު ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ވަރަށްބޮޑު ނޭދެވޭ އަސަރެއް ކުރަމުންދާކަމަށެވެ. މީގެ ގިނަ އަހަރުތަކެއް ކުރިންވެސް ހިތާދޫގެ މީރުފެން ފަށަލަ ތަޣައްޔަރުވުމާ ގުޅިގެން ދިމާވާ އެކި ކަހަލަ ދަތިތަކުގެ ސަބަބުން ރަށުގެ އާބާދީގެ ބޮޑުބައި ދިރިއުޅެމުންދަނީ، މާލެއާއި، ކައިރި ހިސާބުގެ ރަށްތަކުގައެވެ.

img:http://s3.psmnews.mv/images/660x400/14615956809699.jpg|ބ.އަތޮޅު ހިތާދޫ

ކައުންސިލްގެ ނާއިބު ރައީސް ރާޝިދު ވިދާޅުވީ، ފަކަށް އައިސް އަހަރެއްގެ މައްޗަށް ދެތިން އާއިލާ އެހެން ރަށްރަށަށް ބަދަލުވާކަމަށެވެ. މިގޮތަށް އާބާދީގެ ބޮޑުބައި މިހާރު ރަށުގައި ދިރިއުޅެމުން ނުދިއުމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ.

ކައުންސިލުން ވިދާޅުވީ، މިހާރު ރަށުގެ ފެން އެއްވެސް ކަމަކަށް ބޭނުންކުރަން އެކަށީގެން ނުވާއިރު، ރަށްޔިތުންނަށް ފެން ދޫކުރަނީ، ސުނާމީއާ ގުޅިގެން އެރަށުގައި ރެޑްކްރޮސްއިން ޤާއިމުކޮށްދެއްވި ފެން ޕްލާންޓަކުން ކަމަށެވެ. އެގޮތުން ދުވާލަކު ދެގަޑިއިރަށް ރަށުގެ ހަތަރު ސަރަޙައްދަކުން ފެން ދޫކުރައްވައެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީން މިހާރު ވަނީ ބ. ހިތާދޫގައި ރައްކާތެރި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައެވެ. އެގޮތުން ހިތާދޫގެ ފެނުގެ ނިޒާމްގެ ފަރުމާގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެވިފައިވާ ކަމަށާއި، ޑިޒައިން ކުރުމަށް ބޭނުންވާ ސާރވޭތައް ފުރިހަމަކޮށް ޕްރިލިމިނަރީ ޑިޒައިންގ ނިންމައި ޑީޓެއިލް ޑިޒައިންގ އަދި ޓެންޑަރ ޑޮކިއުމަންޓްގެ މަސައްކަތް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިމަސައްކަތް ނިމުމުން ހިތާދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހިތާދޫގެ ފެނުގެ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައަށް އަވަސް ޙައްލެއް ލިބިގެން ދިއުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދެވެ.

2018 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ 50 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ހިންގެވައި ނިންމަވަން ސަރުކާރުން ވަނީ ލަނޑުދަނޑިއެއް ކަނޑަޅުއްވާފައެވެ. އަދި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވަނީ 10 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމްގެ މަޝްރޫޢު ހިންގަވައި ޚިދުމަތްދެއްވަން ފަށްޓަވާފައެވެ.