ދިރާގާއި މަމްސް އެއިޑް ގުޅިގެން "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، މިއަހަރުގެ ރަމަޟާން މަހު އެހީ ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މަމްސް އެއިޑަކީ އަންހެނުން، ޚާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. އެގޮތުން "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ އާންމުންނަށްވެސް ހުޅުވާލާފައެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބި 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީ "ރަމަޟާން އެއިޑް" ކެމްޕެއިނަށް ދިރާގުން ވެދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރަން. ދިރާގުގެ އެހީތެރިކަމުގެ ސަބަބުން މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ހިމެނޭ ކެއަރ ޕެކޭޖްތައް އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ފޯރުކޮށްދެވުނު" މަމްސް އެއިޑްގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ޖެނެރަލް ސެކެޓްރީ، ފާތުމަތު ރިޔާސާ ވިދާޅުވިއެވެ.
ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ބޭނުންވެފައިވާ ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މަމްސް އެއިޑަށް އެއްބާރުލުންދީ މިމުހިންމު މަޤުސަދުގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ.
" ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ކުރަމުންދާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް އެ ޖަމިއްޔާއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން،" ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވިއެވެ.
ދިރާގުން ދަނީ އަންހެނުން ބާރުވެރިކުރުމަށާއި މުޖުތަމަޢަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުންނެވެ.