ޚަބަރު

ރައީސް ޔާމިން، ކޯސްޓްގާޑް ޝިޕް ހުރަވީއަށް ޒިޔާރަތްކުރައްވައިފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބަނދަރު ސަރަޙައްދުގައި މިހާރު ބަނދަރު ކުރެވިފައިވާ ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ ކޮމާންޑަރ އިން ޗީފް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ. އަދި އެމަނިކުފާނު ދެއްވި މެސެޖުގައި، ކޯސްޓްގާޑް ޝިޕް "ހުރަވީ" އަށް ޒިޔާރަތް ކުރެއްވުމަކީ، އެމަނިކުފާނަށް ލިބުނު ވަރަށްބޮޑު އުފާފުޅެއްކަމަށާޢި، މި އުޅަނދަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި ދިފާޢީ ކަންކަން، ކަނޑުގެމަގުން ބެލެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އުޅަނދެއްކަމަށް ފާހަގަކުރައްވާފާވެއެވެ. 

ހަމައެހެންމެ، މި އުޅަނދުގައި މަސައްކަތްކުރައްވާ ކަލާސީންނަކީ، ކަމުގެ ތަމްރީނު ލިބިފައިވާ، ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އުފުލަމުން ގެންދަވާ، ހީވާގި އަދި މުރާލި ބައެއްކަން ހަނދުމަފުޅު ކުރައްވާކަމުގައާއި، އެ މަސައްކަތުގައި ބައިވެރިވާ އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވެވިއެވެ. އަދި ޤައުމީ މި މުހިންމު މަސްއޫލިއްޔަތު އުފުލުމުގައި ތެދުވެރިކަމާއެކު ސާބިތުވެތިއްބެވުމަށް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14615938278395.jpg|އިންޑިޔާގެ ރައީސް ސޮއިކުރައްވާފައިވާ އިންޓަރނޭޝަނަލް ފްލީޓް ރިވިއު ޗާޓް ރައީސް ޔާމިންއަށް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް

"ހުރަވީ" އަށް، ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި، އިންޑިޔާގެ ރައީސް ސޮއިކުރައްވާފައިވާ އިންޓަރނޭޝަނަލް ފްލީޓް ރިވިއު ޗާޓް ވަނީ އެމަނިކުފާނަށް އަރުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި، އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އަކިލޭޝް މިޝްރާ ބައިވެރިވެވަޑައިގެންނެވިއެވެ