ޚަބަރު

ދަރިވަރުންގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ


  • ފޯރަމް އޮންނާނީ އިސްލާމީ މަރުކަޒު ހޯލުގައި

  • މައުޟޫއަކީ "މަސްޖިދުލް އަޤްޞާއާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު"

  • ދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް އިލްމުވެރިން ފޯރުކޮށްދޭނެ

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދަރިވަރުންގެ ފޯރަމް މިރޭ އޮންނާނެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ދަރިވަރުންގެ ފޯރަމް އޮންނާނީ މިރޭ 21:30 ގައިކަމަށެވެ. މި ފޯރަމް ގެނެސް ދޭނީ އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނެވެ. މިފޯރަމްގެ މަޢުޟޫއަކީ "މަސްޖިދުލް އަޤްޞާއާއި މުސްލިމުންނާ ގުޅިފައިވާ މިންވަރު" މިއެވެ.

ސްކޫލްތަކުގެ ދަރިވަރުން ލައްވާ އިޙްޔާ ފޯރަމް ކުރިއަށް ގެންދަނީ ވަކި މައުޟޫއެއް ނެގުމަށްފަހު ސްކޫލްތަކަށް އެ މައުޟޫއު ހަވާލުކޮށް ދުރާލާ ތައްޔާރުވެގެންނެވެ. އަދި އެ ދަރިވަރުން ބޭނުންވާ މަޢުލޫމާތުތައް އިލްމުވެރިން ފޯރުކޮށްދޭނެ ކަމަށް ވެސް އެވުޒާރާއިން ވިދާޅުވއެވެ. މީގެ އިތުރުން ތައްޔާރުކުރާ ޕްރެޒެންޓޭޝަން ނިމުމުން ރަނގަޅަށް ބެލުމަށްފަހު އެއްވެސް މައުލޫމާތެއް މަދުވާނަމަ އެމައުލޫމާތެއްވެސް އިލްމުވެރިން ފޯރުކޮށްދޭނެއެވެ.

ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ފޯރަމަކީ ސްކޫލް ދަރިވަރުންގެ މެދުގައި ދީނާ މެދު އޮންނަ ލޯބި އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ފޯރަމެކެވެ.

އިހްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައި ވެސް ބާއްވަމުން އަންނަ ފޯރަމެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މާލެއާއި އަތޮޅުތެރޭގައި މިފޯރަމްތައް މިއަހަރު ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.