ޚަބަރު

އިންޑިޔާގެ ޒުވާނުންގެ ޓީމް ތުލުސްދޫއަށް ޒިޔާރަތްކޮށްފި


އިންޑިޔާ މޯލްޑިވްސް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އައިސްފައިވާ އިންޑިޔާގެ ޒުވާނުންގެ ޓީމު ތަޖްރިބާ ދަތުރެއްގައި ކ. ތުލުސްދުއަށް ޒިޔާރަތްކޮށްފިއެވެ. 

މި ޓީމު ތުލުސްދޫގައި މިއަދާއި މާދަމާ ހޭދަކުރުމަށް ހަމަޖެހިފައިވާއިރު މިރޭ ތުލުސްދޫގެ ޒުވާނުންނާއި، މިޓީމުގެ ޒުވާނުން ގުޅިގެން ކަލްޗަރަލް ޝޯއެއް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި ތުލުސްދޫގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އެއަށްފަހު މިހަފްތާގެ ބުދަދުވަހު މާލެއަތޮޅު ހިންމަފުށްޓަށްވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. އިންޑިޔާގެ ފަންސާސް ޒުވާނުން ހިމެނޭ މިޓީމުން ވަނީ މާލެއާއި ހުޅުމާލޭގެ މުހިންމު ތަންތަނަށްވެސް ޒިޔާރަތްކޮށްފައެވެ. މިޓީމުން ރާއްޖޭގައި އަށްދުވަސް ހޭދަކުރާނެއެވެ.

އިންޑިޔާ މޯލްޑިވްސް ޔޫތް އެކްސްޗޭންޖް ޕްރޮގްރާމަކީ ރާއްޖެއާއި އިންޑިޔާގެ ސަރުކާރުން ވެވަޑައިގަންނަވާފައިވާ އެއްބަސްވުމެއްގެ ދަށުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ ފަންސާސް ޒުވާނުން އިންޑިޔާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.