ޚަބަރު

ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރު ކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބަދުލްޤައްޔޫމް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ހޯދުމަށް ބަޔަކު ކޯޓަށް އައިނަމަވެސް އެފަދަ އަމުރެއް ނެރެދެވެން ނެތްކަން އެމީހުންގެ ގާތުގައި ބުނެފައިވާނޭ ކަމަށް އދ. މާމިނގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާންގެ ޤާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުން އަޙުމަދު ނިހާނާ ދެކޮޅަށް 4 ދަޢުވާ އުފުއްލަވާފައިވާއިރު، އެ 4 ދަޢުވާއަށްވެސް އޭނާ މިއަދު ވަނީ އިންކާރުކުރައްވާފައެވެ. ދައުލަތުން ނިހާނުގެ މައްޗަށް އުފުއްލެވި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދަޢުވާއަށް އިންކާރުކުރައްވައި، ވާހަކަ ދައްކަވަމުން ނިހާންގެ ވަކީލް  ވިދާޅުވީ ރައީސް ޔާމީން ރަހީނެއްގެ ގޮތުގައި ފޮރުވަން އެނާ މަސައްކަތްކުރައްވާފައި ނުވާނޭކަމަށެވެ. އަދި ދައުލަތުން ހުށައަޅުއްވާ ހެކިތަކަށް ބަލާއިރު ނިހާން އެފަދަ ޢަމަލެއް ހިންގިކަން ސާބިތުވާ އެއްވެސް ހެއްކެތް ނެތްކަމަށްވެސް ނިހާންގެ ޤާނޫނީ ވަކީލު ޙުސްނުއް ސުޢޫދު ވިދާޅުވިއެވެ.

ނިހާނާ ދެކޮޅަށް  ދައުލަތުން އުފުއްލަވާފައިވާ ރަސްމީ ޙައިސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރިކަމުގެ ކުށުގެ ދަޢުވާއަށް ޖަވާބުދާރީވަމުން އެނާގެ ޤާނޫނީ ވަކީލް ވިދާޅުވީ ޤާނޫނު ހުއްދަނުކުރާ ކަމެއް ނިހާން ކުރައްވަން މަސައްކަތްކޮށްފައި ނުވާނޭކަމަށެވެ. އަދި ރަސްމީ ވާޖިބު އަދާކުރުމުގައިވެސް ޤާނޫނާ ޚިލާފް ކަމެއް ކުރައްވާފައި ނުވާނޭކަމަށްވެސް ނިހާންގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމާވައްލެއްވީ  ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށައެޅުމަށް ދެފަރާތަށްވެސް ފުރުޞަތު ދެއްވުމަށްފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނުކަމަށް ބުނާ މައްސަލާގައި އަޙުމަދު ނިހާންގެ އިތުރުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުޙުސިނާ ދެކޮޅަށްވެސް ދައުލަތުން 4 ދައުވާޢެއް އުފުއްލަވާފައިވެއެވެ. އެ ދައުވާތަކަށް އެނާވެސް ވަނީ އިންކާރުކުރައްވާފައެވެ.