ކުޅިވަރު

އޯޕަން ޓޭޕްބޯލް: އެމްއޭސީއެލް އާއި އެވިއާ މޯލްޑިވްސްއަށް ރަނގަޅު ފެށުމެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ފެށުން އެމްއޭސީއެލް އާއި އެވިއާ މޯލްޑިވްސްއިން ރަނގަޅުކޮށްފިއެވެ.

މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައި ޖުމްލަ 32 ޓީމެއް ވަނީ ބައިވެރިވެފައެވެ. ތިން މުބާރާތަކަށް ބަހާލައިގެން ކުޅުން ކުރިއަށްދާއިރު، ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގައި ބައިވެރިވެފައިވަނީ 12 ޓީމެކެވެ. މި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި ދެވަނަ މުބާރާތް ކަމަށްވާ އޮފީސް ޓޭޕްބޯލްގައި ބައިވެރިވެފައިވަނީ އަށް ޓީމެކެވެ. އެ މުބާރާތް ކުރިއަށްދާނީ މި މަހުގެ 23 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ މުބާރާތުގައި މި އަހަރު ބައިވެރިވެފައިވަނީ 12 ޓީމެކެވެ. އެ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 30 އިން އަންނަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓެޕްބޯލް މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، ފުރަތަމަ މެޗު އެމްއޭސީއެލްއިން ކާމިޔާބުކުރީ މީރާއާ ވާދަކޮށް ހަތް ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 64 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ހަ ބޯޅައިން 21 ލަނޑު ހެދި މޫސާ ޖިނާހާއި، ނުބައިނުވެ 13 ބޯޅައިން 16 ލަނޑު އެއްކުރި އަލީ މުއާޒެވެ.

ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި 3.1 އޯވަރު ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 65 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ ފަސް ބޯޅައިން 17 ލަނޑު ހެދި އާދަމް ނާސިފް އުމަރާއި، ނުބައިނުވެ 12 ބޯޅައިން 15 ލަނޑު އެއްކުރި އިސްމާޢީލް އަލީއެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ކުޅުނު ދެވަނަ މެޗުން އެވިއާ މޯލްޑިވްސް މޮޅުވީ މެރީ ކޯނާއާ ބައްދަލުކޮށް 35 ލަނޑުންނެވެ.

މި މެޗުގެ ގުރުދިމާވުމުން އެވިއާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 150 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 33 ލަނޑު ހެދި އިބްރާހީމް ރިޒާނާއި، 15 ބޯޅައިން 33 ލަނޑު ހެދި ޖިލްވާޒް ރަޝީދުގެ އިތުރުން ހަތް ބޯޅައިން 32 ލަނޑު އެއްކުރި ޔޫސުފް އަޒިޔާނެވެ.

ޖަވާބުގައި މެރީ ކޯނާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 115 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 22 ބޯޅައިން 27 ލަނޑު ހެދި އަޙްމަދު އަރަފާތާއި، ނުބައިނުވެ އަށް ބޯޅައިން 26 ލަނޑު އެއްކުރި މުޙައްމަދު އަޒްލީއެވެ.