ޚަބަރު

މަޚްލޫފުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އޭނާ އިންކާރުކޮށްފި


ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަޚްލޫފްގެ މައްޗަށް ދައުލަތުން އުފުއްލެވި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ކުށުގެ ދަޢުވާއަށް އޭނާ އިންކާރު ކުރައްވައިފިއެވެ.

ދައުލަތުން އަޙުމަދު މަޚްލޫފްގެ މައްޗަށް އުފުއްލަވާފައިވާ ދަޢުވާގައި ވަނީ މިދިޔަ މާރޗް މަހުގެ 25 ވަނަ ދުވަހުގެ ރޭ އަށްގަޑި ތިރީސްހާއިރު މާލޭ އެކި ސަރަޙައްދުގައި ބަޔަކު މީހުން މުޒާހަރާ ކުރަމުންދިޔައިރު ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ޙަރަކާތެރިވެ، ބެރިކޭޑް ޖަހައި ވަކި ސަރަޙައްދެއް ބަންދު ކުރައްވާފައިވަނިކޮށް އެ ބެރިކޭޑްތައް ކޮށްޕައި ދުރަށް ޖައްސައި، ފުލުހުން ބަންދުކުރައްވާފައިވާ ސަރަޙައްދަށް މަޚްލޫފް ވެދެވަޑައިގެންފައިވާ ކަމަށެވެ.

މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން މަޚްލޫފް ވިދާޅުވީ ސިޔާސީ ގިނަ ދަޢުވާތަކެއް އުފުލަމުންދާތީ ވަކީލުންނަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭކަމަށެވެ. އެހެންކަމުން މައްސަލާގައި ކުރިޔަށްދާން ބޭނުންވަނީ ވަކީލަކާ ނުލާކަމަށެވެ.

ދަޢުވާއަށް މަޚްލޫފް އިންކާރު ކުރެއްވުމުން ދައުލަތުން އެނާއާ ދެކޮޅަށް ހެކިންގެ ގޮތުން ތިން ފުލުހެއްގެ ނަން ހުށައަޅުއްވާފައިވެއެވެ. މި މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަދުވަހަށް ތާވަލްކުރައްވާފައިވާއިރު، އެދުވަހު އޮންނާނީ މަޚްލޫފްގެ ފަރާތުން ދިފާޢީ ހެކިން ހުށައެޅުމާއި ހެކިންގެ ހެކިބަސް ނެންގެވުމެވެ.