ޚަބަރު

މެންބަރުންގެ ޢަދަދު ގުނާގޮތް ބަދަލުކުރަން ގެނައި އިޞްލާހު ބާޠިލްކުރަން ރިޔާސަތުން ހުށައަޅައިފި


  • މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ 87

  • ނަމަވެސް ބައެއް މެންބަރުން ވަނީ އިސްތިއުފާދެއްވާ ސަރުކާރުގެ މަޤާމުތަކަށް ވަޑައިގެންފައި

  • ޤަވާއިދަށް ގެނައި އިޞްލާހުގެ ދަށުން ޖުމްލަ މެންބަރުންގެ އަދަދަކީ 80

  • ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އިޞްލާހު ބާޠިލްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ގުނާ ގޮތް ބަދަލުކުރުމަށް ޤަވާއިދަށް ގެނައި އިޞްލާހު ބާޠިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ހުށައަޅުއްވައިފިއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގައި ހުސްވެފައިވާ ގޮނޑިތައް ނުހިމެނުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައެވެ. އެގޮތުން 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު ޤަވާއިދަށް ގެނައި އިސްލާހުގެ ދަށުން މެންބަރުން ގުނަނީ 80 މެންބަރުންގެ ގޮތުގައެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އެ އިސްލާހު ބާތިލުކުރުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައާއި ގުޅިގެން، އެ ކޯޓުން ކުރެއްވި ޙުކުމުގައި ވަނީ ޖުމްލަ މެންބަރުންގެ ޢަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާއި ޚިލާފުކަމަށެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ ޢަދަދު ގުނާއިރު އިސްތިއުފާ ދިން މެންބަރުން ނުގުނައި ގޮތަށް ގަވާއިދަށް ގެނައި އިސްލާހު، އުވާލަން ހުށަޢަޅުއްވާފައެވެ. އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ޚިލާފު ކަމަށް ކަނޑައަޅުއްވާފައިވާތީ، ގަވާއިދަށް ގެނައި އެއިޞްލާހު އުވާލަން ހުށަހަޅުއްވާ ކަމަށެވެ.

އެހެންކަމުން މިއަދުގެ ޖަލްސާ ފެއްޓެވީވެސް މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 މެންބަރުންކަމަށް ބަލައިގެންނެވެ. އަދި ޖަލްސާ ފަށަން ބޭނުންވާ ކޯރަމަކީ 22 މެންބަރުންކަމަށް ބަލައިގެންނެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންގެ ނުރުހުން ރިޔާސަތަށް އަމާޒުކުރިއެވެ. އަދި ފާޑުވިދާޅުވިއެވެ.

އެކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ޢަމުރެއް ވަކިގޮތަކަށް އޮއްވައި އެނޫންގޮތަކަށް ޢަމަލުކުރައްވަން ދަތިފުޅުވާނެކަމަށެވެ. އަސްލަމް ވިދާޅުވީ، މަޖިލީހުގެ އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ކޯރަމްގެ މައްސަލަ މުޅިން ސާފުވެނިމި އަދި މަޖިލީހުން އެކަމަށް ގޮތެއް ނިންމައިގެންކަމަށެވެ. މިއާއެކު އެކަމަށް ސިޔާސީ ހުރިހާ ޕާޓީއަކާއި މަޝްވަރާކުރެއްވުމަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލެއްވިއެވެ.

"އަޅުގަނޑަށް މަޖިލީހުގެ އެއްވެސް ޖަލްސާއެއް އަދި އެއްވެސް މަސައްކަތެއްވެސް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ކޯރަމްގެ މައްސަލަ މުޅިން ސާފުވެ ނިމިގެން. މަޖިލީހުން އެކަމަށް ގޮތެއް ނިންމަވައިގެން. އަދި މިއަދުވެސް އިތުރު ވޯޓެއް ނެގެންވެސް އޮތީ [އެކަން ސާފުވެގެން]." އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ޤަވާއިދަށް މެންބަރުން ގެންނަވާފައިވާ އިޞްލާހުގައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށްކަމަށެވެ. ނަމަވެސް މެންބަރުންގެ އަދަދާ މެދު ގެނައި އިސްލާހުން މަޖިލީހުގައި މެޖޯރިޓީ އޮތް ސިޔާސީ ފިކުރުގެ ވޯޓުތައް ވަރުގަދަވެގެން ދިޔުން ނޫން އިތުރު ނަތީޖާއެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ. އެހެންވެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ނިންމި ނިންމުމަކީ ހެޔޮ ނިޔަތުގައި ނިންމި ނިންމުމެއް ކަމަށް ކަނޑައަޅަން ދަތިކަމަށްވެސް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ.