ކުޅިވަރު

އޭސީސީ މުބާރާތުގައި އަންހެން ޓީމުން ދެއްކި ކުޅުން ރަނގަޅު: އިމާދު


މިދިޔަ ފެބްރުއަރީ މަހު މެލޭޝިއާގައި ބޭއްވި އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ވިމެންސް ޓީ20 ޕްރިމިއަރ ކަޕުގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމުން ދެއްކި ކުޅުން 90 އިންސައްތަ ރަނގަޅުކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ޑިވެލޮޕްމަންޓް މެނޭޖަރ އިމާދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެ މުބާރާތުގެ ޓީމުން ދެއްކި ކުޅުމާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން އިމާދު ވިދާޅުވީ މުބާރާތުގެ ހުރިހާ މެޗަކުން ރާއްޖޭގެ ޓީމު ބަލިވި ނަމަވެސް، މުޅި ޓީމުން ދެއްކި ކުޅުން އެވްރެޖް ގޮތެއްގައި ރަނގަޅު ކަމަށެވެ.

"
ކުރީ މުބާރާތާ ބަލާއިރު ހަދާފައިވާ ސްކޯއާ އާއި، އުކުފާ ހުރި އުކުންތައް ވަރަށް ތަފާތު.
އިމާދު އިސްމާޢީލް - ކްރިކެޓް ޑިވެލޮޕްމަންޓް މެނޭޖަރ

އިމާދު ވިދާޅުވީ ރާއްޖޭގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ޓީމުން ނެރުނު ނަތީޖާތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ރާއްޖެއިން އެ މުބާރާތުގައި ވާދަކުރި އަންހެން ޓީމުގައި ލ. ކުނަހަންދޫގެ އަށް ކުޅުންތެރިން ވަނީ ގައުމީ ސްކޮޑުގައި ހިމެނިގެން ވާދަކޮށްފައެވެ. އެކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ ކުނަހަންދޫގައި ކްރިކެޓް ކުޅެމުންދަނީ ވަރަށް އާދައިގެ ޕިޗެއްގައި ކަމަށެވެ. އަދި މި ފަހަރު އަންހެން ޓީމު އެކުލަވާލާފައިވަނީ ކުނަހަންދޫގެ އިތުރުން ފުވައްމުލަކުންނާއި މާލެއިން ހޮވާލެވުނު ކުޅުންތެރިންނާއެކު ކަމަށްވެސް ވިދާޅުވިއެވެ.

މުބާރާތުގެ ކޮލިފައިން ބުރުގައި ރާއްޖެ ވާދަކުރީ ނިސްބަތުން ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ. އެގޮތުން ރާއްޖެއިން ވަނީ ބޫޓާނާއި ހޮންކޮންގުގެ އިތުރުން ނޭޕާލާ ވާދަކޮށްފައެވެ. މިއީ އަންހެން ޓީމުން ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރި ދެވަނަ ފަހަރެވެ.