ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފުޓްސަލް ޓީމަށްވެސް ކާމިޔާބު ހޯދިދާނެކަމުގެ އުއްމީދު އައުވެގެން ހިނގައްޖެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ނިމިގެންދިޔަ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ރާފިޢު ވިދާޅުވީ ފުޓްސަލްގައި ރާއްޖޭގައި ފާހަގަވަމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިންނާއެކު ރާއްޖައަށް ކާމިޔާބު ހޯދިދާނެ ކަމަށެވެ. އެހެންނަމަވެސް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައިނަލްއަގުވާމީ މައިދާނުގައި އިންޑޯގައި ފުޓްސަލް ކުޅެންޖެހުން ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހުނަވަރު ކުޅުންތެރިން ގިނަ ނަމަވެސް، އިންޑޯގައި ފުޓްސެލް ކުޅެގެން ނޫންގޮތަކަށް ކާމިޔާބު ނުހޯދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ޕާފޯމްކުރަން ބޭނުންވާ ވަރަކަށް މެޓްގައި ޕާފޯމެއްނުކުރެވޭ. ރާއްޖޭން ބޭރުގައިވެސް ކުޅޭގޮތަށް އެ މާހައުލު ރާއްޖޭގައިވެސް ގާއިމުވާން ޖެހޭ. އެހެންވީމާ އަޅުގަނޑުމެން ޓެލެންޓް އިތުރަށް ބިލްޑްއަޕް ވެގެންދާނެ.ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
އިންޑޯގައި ކުޅޭ ކުޅިވަރުތައް، ރާއްޖޭގައިވެސް އިންޑޯގައި ކުޅެވެންޖެހޭ ކަމަށާއި، އެހެންކަމުން ސަރުކާރުން މަލްޓި ސްޕޯޓްސް ކުޅެވޭ ގޮތަށް ފަސް ދަނޑުގެ ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ވަނީ ހަފުތާ 14 ގެ މަގުޗާޓުގައި ކުޅިވަރުގެ ދާއިރާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއިން ފަސް ދަނޑުގެ މައްޗަށް އެކުލެވޭ ފުޓްސަލް އާއި ނެޓްބޯޅަ ކޮމްޕްލެކްސް އިމާރާތްކުރާ ބިން ހަވާލުކޮށްފައެވެ.