ޚަބަރު

"ފަތުރު ދިވެހި" މި ނަމުގައި ކޯހެއް ފަށައިފި


ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުއައްޒަފުން ދިވެހިބަހުން މުޢާމަލާތް ކުރުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދިވެހި ބަހުގެ އެކަޑަމީއާއި ބަނޑޮސް މޯލްޑިވްސް ގުޅިގެން "ފަތުރު ދިވެހި" މި ނަމުގައި ކޯހެއް ފަށައިފިއެވެ.

"ފަތުރު ދިވެހި" އިފްތިތާހް ކޮށްދެއްވީ ބަނޑޮސް އައިލެންޑް މޯލްޑިވްސް ރިސޯޓްގައި ރޭ ބޭއްވި ރަސްމިޔާތުގައި އެރިޒޯޓްގެ ލަރނިންގ އެންޑް ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޙަސަން ސަޢީދެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ދިވެހި ބަހުގެ ކޯސް "ފަތުރު ދިވެހި" މި ކޯހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުއައްޒަފުން ދިވެހި ބަހުން މުޢާމަލާތް ކުރުމުގެ ފެންވަރު މަތި ކުރުމަށް ހިންގާ ކޯހެކެވެ. މި ކޯހުގެ ތެރެއިން މުޢާމަލާތް ކުރުމުގެ ރިވެތި ސިފަތަކާއި އަދަބު އިޙްތިރާމާއި އެކު ވާހަކަ ދައްކަން ދަސްކޮށްދިނުން ހިމެނޭކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތުދެއްވައެވެ.

މި ކޯސް އިފްތިތާހު ކުރުމަށްޓަކައި ބަނޑޮސް މޯލްޑިވްސްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް އަލަށް ނުކުންނަ މީހުންނަށާއި އަދި މިދާއިރާގައި މަސައްކަތް ކުރާ މީހުންނަށް މި ކޯހަކީ ވަރަށް ބޭނުންތެރި ކޯހަކަށް ވެގެންދާނެކަމަށެވެ. ބަނޑޮސް މޯލްޑިވްސްގައި މިކޯސް ފެށި ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއަށް މި ކޯސް ހުޅުވާލައްވަން ގަސްތުކުރައްވާކަމަށް އަޝްރަފް ޢަލީ ވިދާޅުވިއެވެ.

ބަނޑޮސް މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން އެރިސޯޓްގެ ލަރނިންގ އެންޑް ޑިވެލޮޕްމެންޓްގެ ޑިރެކްޓަރ ޙަސަން ސަޢީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދަން ބޭނުން ވާނަމަ މި އިންޑަސްޓްރީ އަކީ ދިވެހިންގެ އިންޑަސްޓްރީއަކަށް ހައްދަވަން ޖެހޭކަމަށެވެ. މި ކޯހުގެ ބައެއް ބައިވެރިން ބުނީ މިފަދަ ކޯހެއްގެ ސަބަބުން ދިވެހިބަހާއި ސަގާފަތް އިތުރަށް ދަސްވެގެންދާނެކަމަށް ޤަބޫލްކުރާކަމަށެވެ. ބަނޑޮސް މޯލްޑިވްސްގައި ފެށި މި ކޯހުގައި 22 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ކޯހުގައި 20 ގަޑިއިރު ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.