ޚަބަރު

އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް


މާލޭގެ އިރުދެކުނު ފަރާތުގައި ސަރުކާރުން ތަރައްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖަކީ، މާލެއިން ކުނި ބޭރުކުރުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، މާލެތެރޭގައި ހުރިއެކި ކަހަލަ ކެމިކަލް ގުދަންތަކާއި، ވޯކްޝޮޕް، ގަރާޖްފަދަ ތަންތަނަށް ޚާއްޞަ ކުރައްވައިގެން ތަރައްޤީ ކުރައްވާ ތަނެކެވެ. އިންޑަސްޓްރިއަލް ވިލެޖްގެ މަޝްރޫޢަކީ ޖުލައި 26 ވަނަ ދުވަހަށް ނިންމެވުމަށް އަމާޒުކުރައްވާފައިވާ މަޝްރޫޢެކެވެ.

4.5 ހެކްޓަރުގެ ބިން ހިއްކަވައިގެން ތަރއްޤީކުރައްވާ އިންޑަސްޓްރިއަލް ވިލެޖްގައި މިހާރު ކުރިއަށްދަނީ ޝީޓް ޕައިލްކުރުމުގެ މަސައްކަތްތައްކަމަށް މި މަސައްކަތާ ޙަވާލުވެފައިވާ ކުންފުނި، އެމްޓީސީސީގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ. ޙަލީމް ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކޮންމެވެސް ވަރަކަށް ކުރިއަށްދާކަމަށާއި، މަސައްކަތް ބާރުސްޕީޑްގައި ކުރިއަށްގެންދެވޭނީ، ކުރީގެ ކުނިކޮށްޓާ ދިމާ ނެރު ފުޅާކުރުމުގެމަސައްކަތް ނިމުމުން ކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން ބޭރުގައި ޓެޓްރާޕޮޑްސްތައްޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ސަރުކާރުން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ރެޑީ މިކްސް މަޝްރޫޢުވެސް ފަށްޓަވަން ނިންމަވާފައިވަނީ، އިންޑަސްޓްރިއަލް ވިލެޖްގައެވެ. އިންޑަސްޓިއަލް ވިލެޖްގެ މަޝްރޫޢު ކުރިޔަށްގެންދަވަނީ 159 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީ އާ ޙަވާލު ކުރައްވައިގެންނެވެ.