ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޕްލޭންކުރި ގޮތަށް ނިމިގެންދިޔުމާއެކު، މި ފަހަރުގެ މުބާރާތަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ފެށި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ޓީމުތައް ވަނީ ވާދަކޮށްފައެވެ. އެގޮތުން މި މުބާރާތުގައި ޖުމްލަ 129 ޓީމެއް ވާދަކުރިއެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ރިލްވާން ވިދާޅުވީ މުޅި ރާއްޖެ ހިމެނޭގޮތަށް ފުރަތަމަ ފަހަރަށް ހުރިހާ އަތޮޅަކުން ޓީމުތައް ބައިވެރިވެގެން މުބާރާތް ބޭއްވުނުއިރު، ޕްލޭންކުރި ގޮތަށް މުބާރާތް ނިމިގެންދިޔުމުން މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކަންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު ބެހެއްޓެވި ގާތްކަން ރިލްވާން ވަނީ ފާހަގަކުރައްވާފައެވެ.
"ދެން މީގެ އިތުރުން މި އަަހަރު ފައިނަލުގައި ނައިބު ރައީސް ބައިވެރިވުމަކީވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ހަމަ ކާމިޔާބީގައި މި ހުރިހާ ބައެއްވެސް ހަމަ ހިމަނައިގެން، އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި އަހަރުތަކުގައި މިއަށްވުރެ ކާމިޔާބު މުބާރާތްތަކެއް ބޭއްވޭނެ ކަމަށް މި ބަލަނީ.ރިލްވާން މޫސާ - ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް
ރިލްވާން ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖް ރަނގަޅަށް ކުރިއަށްދާކަމުގެ ސަބަބުން ލިބޭ އިބުރަތަކީ ކަންކަން ރަނގަޅު ވަންދެން އެއްވެސް ކަމެއް ނުކޮށް މަޑުކޮށްގެން ތިބުމަކީ ހައްލެއް ނޫން ކަމެވެ. އެ ގޮތުން ފުޓްސަލް އިންޑޯއެއް އަންނަންދެން މަޑުކޮށްގެން ނުތިބެ، ކުރެވުނު މަސައްކަތުން ރާއްޖޭގައި ފުޓްސަލް ކުރިއަރުވަން ގޯލްޑަން ފުޓްސަލްއަށް ވެސް މުހިންމު ދައުރެއް އަދާކުރެވިފައިވާ ކަމަށް ރިލްވާން ވިދާޅުވިއެވެ.
"ހަމަ އިންޑޯއެއް ނެތް ކަމުގައި ވިޔަސް، ރެފްރީން ޑިވެލޮޕްކުރުމާއި ކޯޗުން ޑިވެލޮޕްކޮށްގެން އަދި މި އަށްވުރެ ރަނގަޅު ހިސާބަކަށް ފުޓްސަލް ގެނެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އިންޑޯއެއް ނެތިގެންނޭ ކިޔާފައި އަޅުގަނޑުމެން އެކަން ނުކޮށް ހުއްޓާލަންވީ ރީޒަންއެއް ނެތް.ރިލްވާން މޫސާ - ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް
ރިލްވާން ވަނީ މި ކާމިޔާބާއެކު ކުރިއަށް ހުރި އަހަރުތަކުގައި މިއަށްވުރެ ކާމިޔާބު މުބާރާތްތަކެއް ބޭއްވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.