ޚަބަރު

ކޮމަންވެލްތުން މަސައްކަތްކުރަނީ ޤަބޫލުކުރެވޭނެ ގޮތަކަށެއް ނޫން


ރާއްޖެއާއިމެދު ކޮމަންވެލުތުން ކަންކަން ކުރަމުން އަންނަ ގޮތަކީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ސިފައިންގެ ހިދުމަތަށް 124 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން ވިދާޅުވީ ދިވެހިންގެ ކަންބޮޑުވުންތަކާއި ބޭރުގެ ފަރާތަކުން ބެހެންޖެހޭނެކަމަށް އެމަނިކުފާނު ޤަބޫލުފުޅުނުކުރައްވާކަމަށެވެ. އަދި ދައުލަތުގައި ހިނގާ ކަންކަމާ ބެހޭ ގޮތުން ގާނޫނުން ބޭރުން  ދިވެހިން  ނުވާ ކަންބޮޑުވުން ބޭރުގެ ފަރާތްތަކުން ވާން ނުޖެހޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ކުޑަ ކުޑަ ދައުލަތުގެ އިސްތިގްލާލަށް އަރައި ގަންނަ ވަގުތުތަކުގައި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ބަހެއްނެތި އަދި ރާއްޖެއިން ދައްކާ ވާހަކަތައް ޤަބޫލުނުކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ފިޔަވަޅު އަޅަން ގޮވާލާ ފަރާތްތަކާއި ދޭތެރޭ އެމަނިކުފާނުގެ ހިތުގައި އެއްވެސް ހަމްދަރުދީއެއް ކުލުނެތްނުވާކަމަށްވެސް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ސިފައިންގޭގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުން ޤައުމަށް ގައްދާރުވުމަކީ އެމީހުންގެ ކިބައިން ފެނިގެންވާނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ކިބައިން ޤައުމަށް ގައްދާރުވުންފަދަ ކަމެއް ފެނިއްޖެނަމަ އެފަދަ މައްސަލަތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަތައް ބަލާނީ ޝަރުއީ ކޯޓަކުން ނޫން ކަމަށާއި އެކަން ނިންމަންޖެހެނީ އަސްކަރީ ކޯޓަކުން ކަމަށެވެ. ރާއްޖޭގައި އެފަދަ ކޯޓެއް އުފެއްދުމުގެ ބޭނުމަކީ އެއީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދެ ވަޒީރުން ޑިފެންސް ހިންގުމަށްފަހު ވަކިވެގެންދާން ޖެހުނު ސަބަބާއި މެދު ސިފައިން ވިސްނަންޖެހޭކަމަށާއި އަސްކަރިއްޔާއަކީ އަބަދު ފިލާވަޅު ނަގާ ބަޔަކަށް ވެގެން ނުވާނެކަމަށެވެ. އެގޮތުން ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ކެރިގެން ކުރިމަތިލާންޖެހޭނެ ކަމަށާއި ޤައުމުގައި ކުރަންޖެހޭ އެއްވެސް ކަމަކަށް ފަސްޖެހިގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.