ޚަބަރު

ރޯދައަށް މާލޭގެ މަގުތައް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި


  • މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި

  • ގިނަ މުވައްސަސާތަކަކުން މި ހަރަކާތުގައި ބައިވެރިވެފައިވޭ

ރަމަޟާންމަހާއި ދިމާކޮށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރޯދަ ސާފު" ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދު ސާފުކުރުން މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މާލެ ސަރަހައްދު ސާފުކުރުމުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލެ 7 ބަޔަކަށް ބަހާލުމަށްފަހު މި ހަރަކާތުގައި ބައިވެރިވި މުއައްސަސާތައް ޓީމުތަކަކަށް ބަލާލައި، އެކި ޓީމުތަކުން އެކި ބައިތައް ސާފުކުރާގޮތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީ އާއި ވެމްކޯ ގުޅިގެންނެވެ.

"ރޯދަ ސާފު" ހަރަކާތުގައި އެ ވުޒާރާގެ އިތުރުން ގިނަ މުއައްސަސާތަކަކުން ބައިވެރިވެފައިވެއެވެ. މިއަދު ހެނދުނު 6 އިން މެންދުރު 12 އަށް މި ހަރަކާތް ކުރިއަށް ގެންދިޔައިރު، "ސާފު ރޯދަ" ހަރަކާތް ފެށުމުގެ ގޮތުން މިއަދު ހެނދުނު މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމާއި އެވުޒާރާގެ އިސްވެރީންނާއި މުވައްޒަފުންގެ އިތުރުން ސާފުކުރުމުގެ ހަރާތުގައި ބައިވެރިވި މުއައްސަސާތަކުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި "ރޯދަ ސާފު" ހަރަކާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ ސާފުތާހިރުކަމާ ދިވެހީންގެ ސަގާފަތާ ގުޅިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ހަރަކާތުގައި ބައިވެރިވި އެންމެހާ މުއައްސަސާތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

މި އަހަރުގެ ރޯދައާ ދިމާކޮށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ރޯދަ ސާފު" ހަރަކާތަކީ ޒަމާނުއްސުރެ ދިވެހީން ދަމަހައްޓަމުންއައި ސާފުތާހިރުކަމުގެ ރީތި އާދަތަކަށް ހިތްވަރުދީ، ރައްކާތެރިކަމާ ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ އާދަ އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

މި އަހަރުގެ މި ހަރަކާތުގައި ގިނަ އަދަދެއްގެ ރަށު ކައުންސިލުތަކުން ވެސް ވަނީ ބައިވެރިވެ، ރަށްރަށުގައި ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. "ރޯދަ ސާފު" ހަރަކާތަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ރޯދަ މަހަކާ ދިމާކޮށް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.