ޅޮއްސަލަފުށްޓަކީ ކުރެންދޫންގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ފާދިއްޕޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފާދިއްޕޮޅު ކުރެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރެންދޫގެ ބިން ފުރިފައި އޮތް މައްސަލައަކީ ރަށުގެ ތަރައްޤީއާއި އިޤްތިޞާދު ކުރިއެރުމަށް އޮތް ހުރަހެއްކަމަށެވެ. އަދި އިޤްތިޞާދީ ކުރިއެރުން ލިބުމަކީ ކޮންމެ ރަށަކަށްވެސް އޮންނަންޖެހޭކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަން ފުރިހަމަކޮށްދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެހެންކަމުން އެކަން ހާސިލްކުރުމަށްޓަކައި ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރިން ޅޮއްސަލަފުއްޓާއި ގުޅުން ހުރި އެކި އެގްރީމަންޓްތައް ހަދާފައިވާކަމަށެވެ. އެހެންކަމުން އޮންނަ އުޞޫލުތަކުގެ ދަށުން އެ އެގްރީމަންޓްތައް ބާތިލްކޮށް ރަށުގެ ކުރިމަގަށްޓަކައި ޅޮސްއަލަފުށި ހޯދައިދިނުމަށްޓަކައި ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ކުރިން ހަދާފައި އޮތް އެގްރީމަންޓްތަކުން އެރަށް ވަކިކޮށް ދައުލަތަށް ބުރަނުވާނެގޮތަށް، ރަށުގެ ކުރިމަގަށްޓަކައި އެރަށް ސަލާމަތްކޮށް ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކުރެވެންއޮތްހާ މަސައްކަތްތަތައް ކުރާނަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރެންދޫގެ ތަރައްޤީއަށް ކުރުމަށް ހަމަޖެހިފައިވާ ކަންކަން ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށާއި މަގު ހެދުމުގެ މަޝްރޫޢުވެސް ބަޖެޓްގައި ހިމަނުއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް 12 ކްލާސްރޫމް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި މަލްޓިޕަޕަސް ހޯލްގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.