ކުޅިވަރު

މި ލިބުނީ އޭދަފުއްޓަށް ބޭނުންވާ އެންމެ ބޮޑު ތަށި: އިޝާން


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަމާއެކު، ބ. އޭދަފުއްޓަށް ބޭނުންވާ އެންމެ ބޮޑު ތަށި ލިބިގެންދިޔަ ކަމަށް ގަބޫލުކުރާ ކަމަށް މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފުޓްސަލް ކިންގުގެ މަގާމު ހޯދި އިޝާން އިބްރާހީމް (ސައްޓު) ބުނެފިއެވެ.

މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނު އިޝާން ވަނީ އެ މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހާފައެވެ. އަދި އޭދަފުށިން ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި، ޒޯން ބުރުގެ ރަނަރަޕަށް ދިޔައިރުވެސް އިޝާން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ ފުޓްސަލް ކިންގުގެ މަގާމަށް ހޮވުނު އިޝާން ވަނީ ގަދަ ފަަސް ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.

ފައިނަލް މެޗަށްފަހު ދިން އިންޓަވިއުއެއްގައި ގައުމީ ފުޓްސަލް ޓީމުގައިވެސް ހިމެނޭ އިޝާން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުނީއްސުރެ އޭދަފުށި އަބަދުވެސް ނުކުންނަނީ މި ތަށި ކާމިޔާބުކުރަން ކަމަށެވެ. އަދި ނޮކައުއްޓް ބުރުން ފެށިގެން ރާއްޖޭގެ ފުޓްސަލްގެ ތަރިންގެ ޓީމުތަކާ ދެކޮޅަށް ކުޅެ، ތައްޓަށް ހަމައަށް އާދެވުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށްވެސް ވަނީ ބުނެފައެވެ.

އިޝާން ބުނީ މި ތަށި އޭދަފުއްޓަށް ލިބުމާއެކު، އެ ރަށުގެ ޒުވާން ޖީލަށާއި އަދި ފުޓްސަލްގެ ތެރޭގައި އުޅޭ ކުދިންނަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރެއްގައިވެސް ހަމަ މި ފޯރީގައި ތަށި ދިފާއުކުރުމަށް ނުކުންނަން ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

"
ދެން އަނެއްކާ އޭދަފުއްޓަށް ނުލިބޭ ތައްޓެއް މިއީ. ފުޓްސަލްގެ ބޮޑު ތައްޓެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން އެންމެ ފަހުން އަޅުގަނޑުމެންނަށް ލިބިފައިވަނީ 2014 ގައި. އަސްލު އޭދަފުއްޓަށް ބޭނުންވާ އެންމެ ބޮޑު ތަށި މި ލިބުނީ. އެއީ އަޅުގަނޑު ގަބޫލުކުރަނީ އެގޮތަށް.
އިޝާން އިބްރާހީމް (ސައްޓު)

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތައްޓާއެކު އިޝާން ވަނީ ރާއްޖޭގައި ބާއްވާ ފުޓްސަލްގެ ބޮޑު ދެ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޓީމުގައި ހިމެނިގެން ކުލަބު މޯލްޑިވްސް ކަޕުގެ ތަށިވެސް ހޯދާފައެވެ.