ކުޅިވަރު

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: އެންމެ މޮޅު އެތުލީޓުންނަކީ ސާއިދާއި ފަސޫހާ


11 ވަނަ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އޯޕަން ބައިގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހަސަން ސާއިދު ހޮވުނުއިރު، އެންމެ މޮޅު އަންހެން އެތުލީޓަކަށް ފަސޫހާ އަޙްމަދު ވެއްޖެއެވެ.

ދިވެހި ސިފައިންގެ ކުލަބުގެ ފަރާތުން ވާދަކުރި ސާއިދު ވަނީ، މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ތިން ރަން މެޑަލް ހޯދާފައެވެ. އެއީ 100 މީޓަރު ދުވުމާއި، 200 މީޓަރު ދުވުމުގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު ދުވުމުންނެވެ.

މުބާރާތުގެ 200 މީޓަރު ރޭހުގެ ފައިނަލް އެއްވަނަ ސާއިދު ހޯދީ 22.05 ސިކުންތުން ނިންމައިގެންނެވެ. އަދި 100 މީޓަރު ދުވުމުގެ އެއްވަނަ ސާއިދު ހޯދީ 10.65 ސިކުންތުން ނިންމައިގެންނެވެ. ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި ސާއިދު ހިމެނޭ ދިވެހި ސިފައިންގެ ކުލަބުން އެއްވަނަ ހޯދީ 43.47 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނައަށް ދިޔަ ސާއިދު ސްޕޯޓްސްއިން ރޭސް ނިންމީ 45.30 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ ޓައިމިން އަކީ 46.42 ސިކުންތެވެ.

މީގެ އިތުރުން ފަސޫހާ ވަނީ 800 މީޓަރާއި، 1500 މީޓަރު އަދި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި ހަތަރެއް ގުނަ 100 މީޓަރުން ލޯ މެޑެއްޔާއި، ހަތަރެއް ގުނަ 400 މީޓަރުގެ ރިލޭއިން ރިހި މެޑަލްވެސް ވަނީ ހޯދާފައެވެ. އެއާއެކު ފަސޫހާ ވަނީ ގައުމީ ފެންވަރުގައި ޖެހިޖެހިގެން ދެ މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހޯދާފައެވެ. އެގޮތުން މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އިތުރުން ގައުމީ ގްރޯން ޕްރީގައިވެސް އެއްވަނަ ހޯދީ ފަސޫހާއެވެ.

އަންހެނުންގެ 800 މީޓަރު ރޭހުގައި ފަސޫހާގެ ޓައިިމިންއަކީ ދެ މިނެޓު 22.94 ސިކުންތެވެ. އަދި އަންހެނުންގެ 1500 މީޓަރު ރޭސް ފަސޫހާ ކާމިޔާބުކުރީ ފަސް މިނެޓު 22.26 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ކެޓަގަރީ ޖޫނިއާ ބައިން އެއްވަނަ ފިރިހެން އެތުލީޓަކަށް މުޙައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހީމް ހޮވުނުއިރު، އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އައިމިނަތު އައުހާ އަބްދުލް ރަހުމާނެވެ.

އައްޑޫ އެތުލެޓިކްސް ޓީމުގެ ޔޫނުސް ވަނީ 400 މީޓަރުގެ ދުވުމާއި، 80 މީޓަރުގެ ހާޑްލްސްއިން ރަން މެޑަލް ހޯދުމުގެ އިތުރުން ޓްރިޕްލް ޖަމްޕް ކެޓަގަރީން ރިހި މެޑަލް ހޯދާފައެވެ. ޝަރީފް ސްޕޯޓްސްގެ އައުހާ ވަނީ އެ އުމުރުފުރާގައި ފަސް މެޑަލް ހޯދާފައެވެ. އެއީ ތިން ރަން މެޑެއްޔާއި ދެ ލޯ މެޑެއްޔެވެ. ރަން މެޑަލް ހޯދީ 100 މީޓަރާއި، 200 މީޓަރު ދުވުމުގެ އިތުރުން ލޯންގް ޖަމްޕްއިންނެވެ. އަދި މެޑްލީ ރިލޭ އާއި ހަތަރެއް ގުނަ 100 މީޓަރު ރޭހުން ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. ލޯންގް ޖަމްޕުން އައުހާ މެޑަލް ހޯދީ 4.42 މީޓަރު ދުރަށް ފުންމައިގެންނެވެ.