ވިޔަފާރި

ބީއެމްއެލްގެ "ގިފްޓް ކާޑު" ތަޢާރަފްކޮށްފި


ޤައުމީ ބޭންކު ބީއެމްއެލްގެ "ގިފްޓް ކާޑު" މިއަދުން ފެށިގެން އާންމުންނަށް ލިބޭނެކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. 

ރާއްޖޭގައި ތަޢާރަފްކުރި ފުރަތަމަ ގިފްޓްކާޑު ބީއެމްއެލުން ތަޢާރަފްކޮށްފައިވަނީ ރޭ ޓީވީއެމުން ދެއްކި މޯލްޑިވިއަން އައިޑަލްގެ އެލިމިނޭޝަން ޝޯގައެވެ. ބީއެމްއެލް ގިފްޓް ކާޑަކީ އެ ކާޑު ގަންނައިރު ކާޑުގައި ވަކި އަދަދެއް ކަނޑައަޅާފައިވާ ކާޑެކެވެ. މި ކާޑު ބާޒާރުގައި ލިބެންހުރީ 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އާއި 1000 ރުފިޔާއަށެވެ. އަދި ކޮންމެ ކާޑެއްގައިވެސް ބެލެންސްގެ ގޮތުގައި ހިމެނޭނީ އެކާޑެއް ގަންނަ އަގެވެ. 

މި ކާޑު ބޭނުންކޮށްގެން ޕީއޯއެސް މެޝިނުން ވިޔަފާރި ކުރާ ކޮންމެ ފަހަރަކު ކާޑުގެ ބެލެންސުން އެ ވިޔަފާރިއަކަށް ހޭދަކުރި އަދަދު ކެނޑޭނެކަމަށް ބޭންކުން މަޢުލޫމާތުދެއެވެ. އަދި ކާޑު ގަންނަ ވަގުތުން ފެށިގެން ކާރޑަށް ޚިދުމަތް ލިބޭނެކަމަށްވެސް އެ ބޭންކުން މަޢުލޫމާތުދެއެވެ.

ބީއެމްއެލުން މިކާޑު ރާއްޖެއަށް ތަޢާރަފްކުރީ ދުނިޔޭގެ މަޝްހޫރު މާސްޓަރ ކާޑާއި ގުޅިގެންނެވެ. ކާޑު ތަޢާރަފްކުރުމުގެ ގޮތުން މޯލްޑިވިއަން އައިޑަލްގެ ގަދަ ފަސް ބައިވެރިންނަށް، ދިހަ ހާސް ރުފިޔާގެ ހާއްސަ ގިފްޓް ކާޑު ތަކެއް ވަނީ ހަވާލުކޮށްފައެވެ. އައިޑަލްގެ ގަދަ ފަސްބައިވެރިންގެ ފޮޓޯއާއިއެކު ތައްޔާރުކޮށްފައިވާ ހާއްސަ ކާޑުތަށް ބައިވެރިންނަށް ހަވާލުކޮށްދިނީ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

 ބޭންކުންބުނީ މިވަގުތު ބީއެމްއެލް ގިފްޓް ކާޑު ލިބެންހުންނާނީ އެސްޓަރސް، ނޮވެލްޓީ ބޮކްޝޮޕް، ރައުންޑުވަން ބުކްޝޮޕްގެ އިތުރުން ބީއެމްއެލް ލައިޓުން ކަމަށެވެ. ނަމަވެސް މާލެއާއި އަތޮޅުތެރޭގެ ގިނަ ތަންތަނުން ގިފްޓްކާޑު ލިބޭނެ އިންތިޒާމްތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާކަމަށް ބޭންކުން ބުނެއެވެ.