ޚަބަރު

ރޯދައަށް ސަރުކާރުން ހަދިޔާކުރައްވާ ކާޑު ހޮނިހިރު ދުވަހުން ފެށިގެން ބަހަނީ


  • ކާޑު ބަހާނީ ކޮންމެ ގޭބިސީއެއްގެ ކަރަންޓު މީޓަރަށް

  • މުދާ ބެހުމުގެ މަސައްކަތް ކުރަނީ ކައުންސިލްތަކުން

  • ރަށްރަށަށް ކާޑު ފޮނުވުމުގެ މަސައްކަތްދަނީ ކުރަމުން

  • މާލޭގެ 7 ސަރަޙައްދަކުން މުދާ ދޫކުރާނެ

ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ ކާޑުގެ ބާވަތްތައް ހޮނިހިރު ދުވަހުން ފެށިގެން ބެހުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ގޮތުން ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ގޭބީސިތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރެއްވުމަށް ސަރުކާރުން ހަވާލުކުރައްވާފައި ވަނީ އެސްޓީއޯއާއެވެ. މިމަސައްކަތުގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ މުދާ ރާއްޖެއަށް އެތެރެކޮށް ގުދަންކޮށްފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މާލެ ސަރަހައްދުގައި ހޮނިހިރު ދުވަހުން ފެށިގެން ކާޑު ބެހުމަށް ހަމަޖެހިފައިވާކަމަށާއި، އަދި ރަށްރަށުގެ ރައްޔިތުންނަށް ފޮނުވަންޖެހޭ ކާޑު ދޯނިތަކަށް ބަރުކޮށް ފޮނުވާލުމުގެ މަސައްކަތް ބުދަ ދުވަހުން ފެށިގެން ކުރިއަށްދާކަމަށެވެ. އަދި ކާޑު ދޫކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މާލެއާއި އަތޮޅުތަކުގެ ރަށްރަށުގެ ކައުންސިލްތަކުންކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މިގޮތުން މާލެ ސަރަޙައްދުގައި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. އަދި ރޭގަނޑު 20:30 އިން 23:00އަށެވެ.

ރަމަޟާންމަހު ކާޑު ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 13:00އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށްކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މާލޭގެ 7 ސަރަޙައްދަކުން ކާޑު ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިންނާއި، ސޯޝަލް ސެންޓަރާއި، ވިލިމާލޭ ބިއްރި މިސްކިތުގެ ހޯލާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޢުމަރު ޒާހިރު ބިލްޑިންގއާއި ދެވަނަ ފިޔަވަހީގެ 10 ވަނަ ހިޔާ ފްލެޓުގެ ޔޫތް ސެންޓަރުން ކާޑު ދޫކުރާނޭކަމަށް އެސްޓީއޯއިން ބުނެއެވެ.

ސަރުކާރުން ބަހާ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހީންނަށެވެ. އެގޮތުން ކާޑު ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ކާޑު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ނޯޓުކުރުމަށްފަހުގައިކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓިއޯއިން ބުނީ އެކުންފުނިން މިމަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަމާއެކުގައިކަމަށެވެ.