ވިލިމާލޭގައި ކުރަމުންދާ ފައިބަރ މަސައްކަތް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށިން ބިމެއް ހަމަޖައްސައިފިއެވެ.
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވީ ވިލިމާލޭގައި ފައިބަރު އޮޑިދޯނިފަހަރު މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން މާލެ ސަރަހައްދުން އެމަސައްކަތަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގެ އެތެރެފަޅުން ހިއްކާފައިވާ ސަރަހައްދުން 30،000 އަކަފޫޓުގެ ބިން ފައިބަރ މަސައްކަތް ކުރުމަށް ކަނޑައަޅުއްވާފައިވާކަމަށެވެ.
"ވިލިމާލޭގައި ފައިބަރު އޮޑިދޯނިފަހަރު މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ގްރޭޓަރ މާލެ އޭރިޔާއިން އެމަސައްކަތަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުން. މިއީ 11 ވަނަ ހަފްތާގައި ހާސިލްކުރެވުނު ވައުދެއް. ވިލިމާލޭގައި ފައިބަރު އޮޑިދޯނިފަހަރު މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ތިލަފުށީގެ އެތެރެފަޅުން ހިއްކާފައިވާ ސަރަހައްދުން އޭރިޔާ އީ އެމަސައްކަތަށް ޚާއްސަކޮށް 30،000 އަކަފޫޓުގެ ބިން ވަނީ ކަނޑައަޅާފައި" ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު ވިދާޅުވިއެވެ.
ވިލިމާލޭގައި ފައިބަރުގެ މަސައްކަތް ކުރިން ކުރަމުން ގެންދިޔައީ އެ އަވަށުގެ ހުޅަނގު ދެކުނު ފަރާތުގައެވެ. ނަމަވެސް ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި އެމަސައްކަތްވަނީ ވިލިމާލޭގެ އިރުމަތި ފަރާތަށް ބަދަލުކޮށްފައެވެ. އެހެންނަމަވެސް އެ ސަރަހައްދަކީ ގިނަ ބަޔަކު މޫދަށް އެރޭ ސަރަޙައްދަކަށް ވުމުން އާންމު ޞިއްޙަތަށް ގެއްލުންވާނެތީ ފައިބަރުގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.