މުނިފޫހިފިލުވުން

ގްރޭންޑް ފިނާލޭއަށް ޕީ.އެސް.އެމުން ތައްޔާރުވަނީ


މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ވާދަކުރާ ގަދަ 3 ބައިވެރިން ޔަޤީންވެފައިވާއިރު، ގްރޭންޑް ފިނާލޭއަށްޓަކައި ޕީ.އެސް.އެމްގެ މޯލްޑިވިއަން އައިޑަލް ޓީމުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 3 ބައިވެރިން އިޢުލާންކޮށްފައި ވަނީ އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައެެވެ. އެގޮތުން މި މުބާރާތުގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި 3 ބައިވެރިންނަކީ ޝަލަބީ އިބްރާހީމް، މުޙައްމަދު އިޝާން އަދި ލައިޝާ ޖުނައިދެވެ. އަދި މި މުބާރާތުން ކަޓައިގެން ދިޔަ 2 ބައިވެރިންނަކީ ޢަބްދުﷲ ފާލިޙް އާދަމް އަދި މުޙައްމަދު ޒަލީފް ޢަބްދުﷲ އެވެ.

img:http://s1.psmnews.mv/images/660x400/14614992138770.jpg|މޯލްޑިވިއަން އައިޑަލް - އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

މިމަހުގެ 30 ވަނަ ދުވަހު ގްރޭންޑް ފިނާލޭ ދެއްކުމަށް ތާވަލްކުރެވިފައިވާއިރު، ގްރޭންޑް ފިނާލޭއަށް ތައްޔާރުވުމަށްޓަކައި ޕީ.އެސް.އެމްގެ އައިޑަލް ޓީމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ގްރޭންޑް ފިނާލޭއަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، ގްރޭންޑް ފިނާލޭގައި ބެލުންތެރިންނަށާއި އަދި ބައިވެރިންނަށްވެސް ވަރަށް ގިނަ ސަރޕްރައިޒްތަކެއް ފެނިގެންދާނެ ކަމަށެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިން މިހާރު ޔަޤީންވެފައިވާއިރު، މި މުބާރާތުގެ ގަދަ 10އަކާއި ހަމައަށް ދަތުރުކުރި ބައިވެރިންނާއެކު ޕީ.އެސް.އެމުން ވަނީ ޓްލެންޓް މެނޭޖްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، ބައިވެރިންނަށް ބޭނުންވާ ތަމްރީންގެ ފުރުޞަތުތަކާއި، ލަވަކިޔުމާއި، މިއުޒިކްގެ ދާއިރާއިން އިތުރަށް ކުރިއަށްދިޔުމުގެ ފުރުޞަތު ހޯދައިދިނުމަށް ޕީ.އެސް.އެމްގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ. ޝާޔަން ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ނިމުމަކާ ހަމައަށް މިހާރު އައިސްފައިވާއިރު، މި ޝޯވގައި ވާދަކުރި ބައިވެރިންނަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ބައިވެރިންތަކެއް ކަމަށެވެ. އަދި ދަޢުވަތު ލިބެމުންދާ މިންވަރަކުން މި 10 ބައިވެރިންނަށްވެސް ފުރުޞަތު ދެމުންދާކަމަށް ޝާޔަން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14614992028926.jpg|މޯލްޑިވިއަން އައިޑަލް - އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވއާކު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ ޝޯވތައް މިހާރު ވަނީ ނިމިފައެވެ. "ޕާމް ޓޯންސް"ގެ ހިތްގައިމު މިއުޒިކާއެކު އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައި، މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ގައި ވާދަކުރި ބައިވެރިންގެ ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ. މީގެ އިތުރުން އެމް.އެން.ޑީ.އެފްގެ ސްޕެޝަލް ފޯސްއާއި އޮކެސްޓްރާ ބޭންޑުގެ ހިތްގައިމު ހުށައެޅުމެއްވެސް ވަނީ ފެނިގެންގޮސްފައެވެ. އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މަޝްޙޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާއެވެ.