ޚަބަރު

މިއީ ޔަހޫދީންނަށް ފިޔަވަޅު އެޅުމަށްފަހު، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރަންޖެހޭ ވަގުތު: ޑރ.ޝަހީމް


  • ބައިނަލްއަޤުވާމީ ޤާނޫނަށް ވުރެ މަތީގައި ވަކި ޤައުމަކަށް އޮވެވިގެން ނުވާނެކަމަށް ވިދާޅުވި

  • އަނިޔާވެރި ޢަމަލުތައް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ

މިއީ ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ފިޔަވަޅު އެޅުމަށްފަހު، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރަންޖެހޭ ވަގުތުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ފަލަޞްޠީނުގެ މައްސަލައިގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބޭއްވި ޚާއްޞަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަމުންނެވެ.

މިމަހުގެ 4 އިން 5 އަށް ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޣައްޒާއާއި ރަފަޙުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރަތުން ކުށްވެރިކޮށް، ސަޢުދީ ޢަރަބިއްޔާގައި ބޭއްވުނު ޖޮއިންޓް އެރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ޤަރާރުތަކާއި ނިންމުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަަމުން ޑރ ޝަހީމް ވިދާޅު އިސްރާއިލުން ދެމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެކަމަށެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނިއްޔަތާ ޚިލާފަށް އިސްރާޢިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ފިޔަވަޅު އަޅަން ޑރ. ޝަހީމް ގޮވާލެއްވިއެވެ.

ފަލަޞްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރަން ޖެހޭ ވަގުތަކީ މިއީކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ދިވެހިރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަޞްޠީނާއެކުގައި ކަމަށާއި ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

ޔަހޫދީން ފަލަޞްތީނަށް ދެމުންދާ އަނިޔާތަކާއި ގުޅިގެން ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ. މިގޮތުން، ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައިވެސް ރާއްޖެއިން ވަނީ ބަޔާނެއް ދީފައެވެ. އަދި ފަލަސްޠީނުގައި އަމިއްލަ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ތާޢީދުކުރުމަކީ ޒަމާނުއްސުރެ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހިމެނޭ މުހިންމު ކަމެކެވެ.