ޚަބަރު

ޕީޖީއަށް ލިބިދޭ ބައެއް ބާރުތައް މީރާއަށް !


ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިދޭ ބައެއް ބާރުތައް މީރާއާ ޙަވާލުކުރައްވައިފިއެވެ.

އެގޮތުން މިއަދު ވަނީ މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްއެވެ. މީރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުޙައްމަދުއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޖިނާއީ ކުށްތަކުގެ ތެރެއިން ޓެކްސް އާއި ގުޅުންހުރި ކުށްތަކާއި މީރާ އާއި ގުޅުން ހުރި މައުލޫމާތު ދުނިޔޭގެ އެހެން ތަޙްޤީޤީ އިދާރާތަކާއި ޙިއްސާކުރުމުގެ ބާރު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ އަށް ލިބިގެންދާނެއެވެ.

މިއަދު މީރާގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުޙައްމަދު ވިދާޅުވީ ގުލޯބަލް ފޯރަމްގެ މެމްބަރަކަށްވުމުގެ މަސައްކަތް މީރާއިން ފަށާފައިވާ ކަމަށެވެ. ގުލޯބަލް ފޯރަމްެގެ މެމްބަރަކަށް މީރާވުމުން ޓެކްސް އާއި ގުޅުން ހުރި ހުރިހާ މައުލޫމާތުތަކެއް، ބޭރުގެ ބޭންކުތަކާއި ޤަައުމުތަކުގެ އެކި އެކި އިންސްޓިޓިއުޝަންތައް މެދުވެރިކޮށް އެކި އެކި ޤައުމުތަކުގެ ޓެކްސް އޮތޯރިޓީތަކާއި ގުޅިފައި އޮންނަ ނެޓްވޯކެއްގެ ތެރެއިން ހުރިހާ ޓެކްސް އޮތޯރިޓީތަކާއި ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވިގެންދާނެ ކަމަށާއި، މި ނިޒާމް އެއްކޮށް ފުރިހަމަ ވެގެން ދިޔުމުން ދުނިޔޭގައި ޓެކްސް އަށް މަކަރު ހަދަމުންދާ ފަރާތްތައް އަތުލައިގަންނަށް ފައްސޭހަވެގެންދާނެ ކަމަށް ޔަޒީދު ވިދާޅުވިއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓެކްސްއާއި ގުޅުން ހުރި ކުށްތަކާއި ބެހޭ މައުލޫމާތު ހޯދުމަށް އެދި ސީދާ މީރާ އަށް ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

މިއަދު ސޮއިކުރެވިގެން ދިޔަ އެއްބަސްވުމަކީ ޖިނާއީ މައްސަލަތަކުގައި ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ގުޅޭގޮތުން ރާއްޖޭގެ ތަޙްޤީޤީ އިދާރާއަކާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސޮއިކޮށްފައިވާ ފުރަތަމަ އެއްބަސްވުންކަމަށާއި މި އެއްބަސްވުމުގައި ސޮއިކުރެވިގެން ވެގެން ދިޔުމަކީ 2015ގައި ވުޖޫދަށް ގެނައި، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލްކުރުމުގެ ޤާނޫނު ތަންފީޒުކުރުމަށް އެޅިގެން ދިޔަ ހަރުދަނާ ފިޔަވަޅެއް ކަން ވެސް ބިސާމް ފާހަގަކުރެއްވިއެވެ.