ކުޅިވަރު

ޗެމްޕިއަން ގަމާއި އޭދަފުށި ފައިނަލަށް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ލ. ގަމާއި، ބ. އޭދަފުށި ދަތުރުކޮށްފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ގަމުން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ފަހަތުން އަރައި 5-3 ގެ ނަތީޖާއަކުން ވިލިމާލެ ބަލިކޮށްގެންނެވެ.

މި މެޗުގައި ވިލިމާލެއިން ދެ ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގައި ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ގެ ހެޓްރިކާއެކު، އެ ޓީމުން ވަނީ ނަތީޖާ އަނބުރާލާފައެވެ. ދެން މި މެޗުގައި ގަމުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ އަބްދުﷲ ޖުނައިދާއި ހުސައިން ނާޝިދެވެ. ވިލިމާލެއިން މި މެޗުގައި ކާމިޔާުކުރި ތިން ލަނޑުވެސް ޖަހައިދީ، އަބްދުﷲ ޝައްފާން (ޝާކާ) ވެސް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އޭދަފުށިން ހޯދީ ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ގާފަރު ބަލިކުރުމަށްފަހުއެވެ.

މި މުބާރާތުގެ ޒޯން ބުރުގައި ކުޅުނު ދެ މެޗުގައި ގާފަރުން ވަނީ އޭދަފުށީގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ޒޯން ބުރުގެ ފައިނަލުގައި ގާފަރުން ވަނީ ޕެނަލްޓީގައި އޭދަފުށި ބަލިކޮށްފަ އެވެ. އެކަމަކު ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޭދަފުށި ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ގާފަރުގެ ލަނޑުތައް ޖަހައިދިނީ އަލީ މާއިސް (މައްޓު) އާއި ޝަނާން ރަޝާދެވެ. އަދި އޭދަފުށީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އާއި ނިޝާމް މުޙައްމަދު ރަޝީދެވެ. އެއާއެކު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ގާފަރު ޓީމުން ފޮނުވާލި ތިން ޕެނަލްޓީއެއް އޭދަފުށީގެ ގޯލްކީޕަރު އަފްޒަލް ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާތަކާއެކު ގަމާއި އޭދަފުށި ފައިނަލަށް ދަތުރުކުރިއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.