ކުޅިވަރު

މެރަތަންގެ ގައުމީ ރިކޯޑާއެކު ޔޫސުފް ދިގު ދުވުމުގެ އެންމެ އުހަށް


ފުލް މެރަތަންގެ ގައުމީ ރިކޯޑުވެސް މުގުރާލައި، ދިގު ދުވުމުގައި ރާއްޖޭގެ އެންމެ ކުރީ ސަފަށް ކުޅަދާނަ ދުވުންތެރިޔާ ޔޫސުފް އިބްރާހީމް ޖެހިލައިފިއެވެ.

ފުލް މެރަތަންގެ ރިކޯޑު ޔޫސުފް ހެދީ ދާދި ފަހުން ނިމިގެންދިޔަ ތުރުކީގެ ރަންތަލްޔާ މެރެތަންގައެވެ. އެ އިވެންޓުގައި ވާދަކޮށް ޔޫސުފް ރިކޯޑު މުގުރާލީ ދެ ގަޑިއިރާއި 29 މިނެޓު 48 ސިކުންތުންނެވެ.

ފުލް މެރަތަންގެ ރިކޯޑުގެ އިތުރުން ޔޫސުފް ވަނީ މިދިޔަ އަހަރު ހާފް މެރެތަންގެ ރިކޯޑުވެސް މުގުރާލާފައެވެ. އެއީ އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓްގައި މިދިޔަ އަހަރުގެ ޖުލައި މަހު ކުރިއަށްދިޔަ އެސިކްސް ހާފް މެރަތަން، އެއް ގަޑިއިރާއި ނުވަ މިނެޓު 58 ސިކުންތުން ނިންމައިގެންނެވެ.

މި ދެ ރިކޯޑުވެސް މީގެ ކުރިން އޮތީ ތަޖުރިބާކާރު ދުވުންތެރިޔާ ޝިފާޒް މުޙައްމަދުގެ އަތުގައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ދުބާއީ މެރަތަންގައި ވާދަކޮށް ޝިފާޒް، އޭނާގެ އަތުގައި އޮތް ފުލް މެރަތަންގެ ރިކޯޑު މުގުރާލީ ދެ ގަޑިއިރާއި 32 މިނެޓް 56 ސިކުންތުންނެވެ. އަދި އެ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކޮށް ޝިފާޒް، ހާފް މެރަތަންގެ ރިކޯޑު ހެދީ އެއް ގަޑިއިރާއި 10 މިނެޓު 55 ސިކުންތުންނެވެ.

ޔޫސުފްގެ ކޯޗަކީ ރާއްޖޭގެ އެންމެ ގިނަ މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަޙްމަދެވެ. ރަންތަލްޔާ މެރަތަންގައި ނަސްރުވެސް ދުވުނުއިރު، މިއީ އޭނާގެ ކެރިއަރުގެ 95 ވަނަ މެރަތަންއެވެ. ނަސްރު މަސައްކަތްކުރަމުން ދަނީ އޭނާގެ 100 ވަނަ މެރަތަން ފުރިހަމަކުރުމަށެވެ.