ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަޙައްދުގައި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތައް ކަނޑައަޅުއްވައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް މާލެ ސަރަހައްދުގައި ވިޔަފާރި އުޞޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ވަކި ގަޑިތަކެއްގައިކަމަށެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި ހެނދުނު 9:30 އިން 16:30 އަށް މުދާ އުފުލޭނެކަމަށެވެ. އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށްވެސް މުދާ އުފުލޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުވެސް މުދާ އުފުލޭނީ މި ގަޑިތަކުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަސް ނިމެންދެން މުދާ އުފުލޭނީ ހެނދުނު 6:00 އިން ފެށިގެން 16:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށްކަމަށެވެ. އަދި ހުއްދަދީފައިވާ ވަގުތުތަކުގެ ބޭރުން މުދާ އުފުލާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.
ރޯދަމަހަކީ އާއްމުގޮތެއްގައި މަގުމަތީގެ ކަރޫބާރު ބޮޑު މަހަކަށްވާތީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު މުދާ އުފުލޭނެ ގަޑިތައް ސަރުކާރުން ކަނޑައަޅުއްވައެވެ.