ޔަނަމަނުގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައަށް ދާއިމީ ހައްލެއް ގެނައުމަށް އެޤައުމުގެ ސަރުކާރުން އިހުލާސްތެރި ކަމާއިއެކު މަސައްކަތް ނުކުރާކަމަށް ޔަމަނުގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވި އިދިކޮޅު ފެކްޝަންތަކުގެ މަންދޫބުން ތުހުމަތުކޮށްފިއެވެ.
ޔަމަނުގެ އިދިކޮޅު ފަރާތްތަކުން މިހެން ބުނެފައިވަނީ ހޮނިހިރު ދުވަހު ޔަމަނުގެ ސަރުކާރުގެ ޑެލިގޭޝަންއާއި އިދިކޮޅު ފަރާތްތަކުން ބޭއްވި ސީދާ މަޝްވަރާތަކަށް ފަހުއެވެ. ޔަމަނުގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައަށް ހައްލެއް ގެނައުމަށް ކުރެވޭ މަޝްވަރާތައް ކުވެއިތުގައި ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔަމަނުގައި އެއް އަހަރަށް ވުރެ ދިގު ދެމިގެން ގޮސްފައިވާ ދާހިލީ ހަނގުރާމައިގެ ސަބަބުން 6 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޔަމަނުގެ ސަރުކާރާއި އިދިކޮޅު ޚޫތީންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ ޑެލިގޭޝަނުންގެ މެންބަރެއްކަމަށްވާ ހަމްޒާ އަލް-ޚޫތީ ވިދާޅުވީ ޔަމަނުގެ ރައީސް އަދި ގުޅިފައިވާ ސައުދީ ކޯލިޝަނުން ޚޫތީންނާއި އިދިކޮޅަށް ދެމުންދާ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް އެދިފައިވާކަމަށެވެ. އަދި ޔަމަނުގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައަށް ސިޔާސީ ހައްލެއް ގެނެވޭނީ ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތައް ހުއްޓާލައިގެންކަމަށް ހަމްޒާ ވިދާޅުވިއެވެ.އަދި ޔަމަނުގެ ދާހިލީ ހަނގުރާމަ ނުހުއްޓިގެން އުޅެނީ ސައުދީ ކޯލިޝަނުން ދެމުންދާ ވައިގެ ހަމަލާތަކުގެ ސަބަބުންކަމަށް ހަމްޒާ ތުހުމަތުކުރެއްވިއެވެ.
ޙޫތީންނާއި ގުޅިފައިވާ ޖެނެރަލް ޕީޕަލްސް ކޮންގްރެސްގެ މަންދޫބު ޔަހްޔާ ދާއޫދު ވިދާޅުވީ އިދިކޮޅު ފެކްޝަންތަކުން ކުރިޔަށް އޮތް ދުވަސްތަކުގައި ސުލްހަވެރި ހައްލެއް ހޯދުމަށް މަޝްވަރާގެ މަޖިލީހުގެ ތެރެއިން ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރާނެކަމަށެވެ.
ނަމަވެސް ޔަމަނުގެ ސަރުކާރާއި ގުޅިފައިވާ ސައުދީ ކޯލިޝަނުން އިދިކޮޅު ފަރާތްތަކަށް ދެމުންދާ ހަމަލާތައް ހުއްޓާ ނުލައިފިނަމަ ސުލްހައިގެ މަޝްވަރާތައް ހުއްޓޭނެކަމުގެ އިންޒާރު ދާއުދޫ ދެއްވިއެވެ.