ޚަބަރު

މަޖިލިސް އިންތިޚާބަށް އަދިވެސް ހާހެއްހާ އޮފިޝަލުން ބޭނުންވޭ: އިލެކްޝަންސް ކޮމިޝަން


  • ރޯދަމަހުގެ އިނާޔަތް ނުލިބޭތީ ގިނަ އޮފިޝަލުންތަކެއް ވަނީ ނަން ނަގާފައި

  • އިންތިޚާބާ ގުޅިގެން އަތޮޅުތަަކަށް ތަކެތި ފޮނުވަން ފަށާނީ އޭޕްރީލް 15ގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލާ މަރުކަޒުގައި ކުރަންޖެހޭ ކަންކަން ކުރުމަށް އަދިވެސް ހާހެއްހާ އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ މަޖިލިސް އިންތިޚާބަށް އަދިވެސް އިތުރަށް 1000ވުރެ ގިނަ އޮފިޝަލުން ބޭނުންވާ ކަމަށެވެ.

ޙަސަން ޒަކަރިއްޔާ ވިދާޅުވީ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު ފަސްވުމާއެކު ކުރިން ރަމަޟާންމަހު އިންތިޚާބު އޮންނާތީ އޮފިޝަލުންނަށް ދޭ 500 ރުފިޔާގެ އެލަވަންސް މިހާރު ނުދޭނެ ކަމަށެވެ. އަދި މި ސަބަބާހުރެ ގިނަ ފަރާތްތަކުން މިދިޔަ ތިން ދުވަހުވެސް ނަން އަނބުރާ ނަގާފައިވާކަމަށެވެ. މިއާއެކު އިތުރު އޮފިޝަލުން ބޭނުންވާތީ އެފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކޮށްގެން ނަމަވެސް އޮފިޝަލުން ނަގަންޖެހޭކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

"މަޖިލިސް އިންތިޚާބަށް 1000 އޮފިޝަލުން މަދުވޭ. ރަމަޟާން މަހުގެ އެލަވަންސް މިހާރު ނުދޭތީ ނަން ހުށައެޅި ވަރަށް ގިނަ އޮފިޝަލުން ޝަކުވާ ކުރޭ 500 ރުފިޔާ މަދުވެއޭ ބުނެ. މިކަމާ ގުޅިގެން އޮފިޝަލުކަމަށް ނަން ހުށައެޅި ވަރަށް ގިނަ ފަރާތްތައް މިހާރު ނަން ނަގައިފި." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ވިދާޅުވެފައިވަނީ މަޖިލިސް އިންތިޚާބަށް 6000 އޮފިޝަލުން ބޭނުންވާކަމަށާއި 5،300 މީހުން އޮފިޝަލަކަށްވުމަށް ފޯމު ހުށައަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮމިޓީގައި ވާހަކަދައްކަވަމުން ޙަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާ މަރުކަޒުގެ ގޮތުގައި ތަންތަން ހޯދުމަށް ސްކޫލްތަކަށާއި އިދާރާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި ވޯޓުލާ ދުވަހާއި އެ ދުވަހާއި ޖެހިގެން އަންނަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅައިދެއްވުމަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި އިންތިޚާބާ ގުޅިގެން އަތޮޅުތެރެއަށް ތަކެތި ފޮނުވަން ފަށާނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުކަމަށް ވެސް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މީގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވީ މިމަހުގެ 17ގައެވެ. އެހެންނަމަވެސް އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިޚާބު ބާއްވާ ތާރީޚު އިލެކްޝަންސް ކޮމިޝަނުންވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަށް ބަދަލުކުރައްވާފައެވެ.

މި އިސްލާހުގައި އޮންނަނީ ރަމަޟާންމަހެއްގައި އެއްވެސް އިންތިޚާބެއް ނުބޭއްވޭނެކަމަށާއި އިންތިޚާބު ބާއްވަންވާނީ ރަމަޟާން މަސް ނިމި 10 ދުވަސް ފަހުން ކަމަށެވެ.